މެމްބަރު ނާޒިމް ރާއްޖެ ވަޑައިގަތުމާ އެކު ޕާސްޕޯޓް ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މިރޭ ރާއްޖެ ވަޑައިގަތުމާ އެކު އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ. ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ އޮކްޓޫބަރު 22 ވަނަ ދުވަހުގެ ރޭ 9:45 ގައި އަމުރު ނެރުނުއިރު އޭނާ ވަނީ ހަމަ އެރޭ މެލޭޝިއާ އަށް ފުރާވަޑައިގެންފަ އެވެ. އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލަކު މިރޭ "ހަވީރަ"ށް ވިދާޅުވީ ނާޒިމް އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެފައި ވަނީ މި މަހުގެ 29ގެ ނިޔަލަށް ކަމަށް "ހަވީރަ"ށް އެނގިފައިވެ އެވެ. ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓު އަމުރެއް ހޯދީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ. އެހެން ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ އެމްޑީޕީ ސަރުކާރު އޮތް އިރު މަޝްހޫރުވި ބަރަހަނާ ވީޑިއޯތަކާ ގުޅުން ހުރި މައްސަލައެއްގެ ތުހުމަތުގައި ކަމަށްވެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ފުލުހުންގެ އެދުމުގެ މަތިން ކޯޓުން ނެރެފައި އޮތީ ނާޒިމަށް ރާއްޖެ އިން ފުރައިގެން ނުދެވޭނެ ގޮތުގެ އަމުރަކަށް ކަމަށެވެ. "އެހެންވީމާ ނާޒިމްއާ ގުޅޭ މައްސަލަ އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހިއްޖިއްޔާ އެކަން ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ. މިކަމާ ގުޅޭ ގޮތުން ނާޒިމްގެ ބަހެއް އަދި ނުލިބެ އެވެ. ނާޒިމަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރެއް ކަމުގައިވީ ނަމަވެސް، ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަަޑައިގެންނެވި ފަހުން އެ ޕާޓީގެ ހަރަކާތްތަކުގައި އޭނާ އަމަލީ ގޮތުން ނޫޅުއްވަ އެވެ. ނާޒިމަކީ ކުރިން ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅެެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ