ނާޒިމްގެ ޝަރީއަތް ދަށު ކޯޓުން ހިންގީ ހުކުމް ލިޔުމަށްފަހު ކަމަށް ބެލެވޭ: ވަކީލުން
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތް ދަށު ކޯޓުގައި ހިންގީ ޝަރީއަތުގެ ކުރިން ހުކުމް ލިޔުމަށް ފަހުގައި ކަމަށް ބެލެވޭ ކަމަށް ނާޒިމްގެ ވަކީލުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ. ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ނާޒިމްގެ ވަކީލުންގެ ޓީމުން ބުނީ ދަށު ކޯޓުގައި ޝަރީއަތް ހިނގިއިރު ގިނަ ހައްގުތަކެއް ނާޒިމަށް ލިބިދީފައިނުވާ ކަމަށެވެ. އެގޮތުން ހެކިންނާ ސުވާލު ކުރުމާއި ދިފާއުގައި ހެކި ހުށަހެޅުމާއި މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ވަގުތާއި ފުރުސަތު ދަށު ކޯޓުން ނާޒިމަށް ދީފައިނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ޝަރީއަތުގައި ކަން ހިނގާފައި ހުރިގޮތުން އެ ޝަރީއަތް ކުރިއަށް ގެންދިޔައީ ކުރިން ވެސް ހުކުމް ލިޔެގެން ކަމަށް ބެލެވޭ ކަމަށް ދިފާއީ ވަކީލުން ބުންޏެވެ. ވަކީލުން ފާހަގަކުރި މުހިންމު ނުކުތާތައް ދިފާއުވާން އެކަށީގެންވާ ވަގުތާއި ފުރުސަތު ނުލިބުންދައުލަތުން އަދާކުރަންޖެހޭ ދައުރު ފަނޑިޔާރުން އަދާކޮށްފައިވުންދޮގު ހެކިބަސް ދީފައިވާއިރު ވެސް އެކަމަށް ރިއާޔަތްކޮށްފައި ނުވުންނާޒިމްގެ ވަކީލުން ވިދާޅުވި ގޮތުގައި ދަށު ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ދައުވާކުރާ ފަރާތުން އަދާކުރަންޖެހޭ ދައުރު ޝަރީއަތުގައި އަދާކޮށްފަ އެވެ. ހެކިންނާއި ސުވާލު ކުރިއިރު ވެސް ދައުލަތުން ކުރަންޖެހޭ ބައެއް ކަންކަން ފަނޑިޔާރުން އަމިއްލައަށް ކޮށްފައިވާ ކަމަށާއި ދައުލަތުން ދައްކަންޖެހޭ ވާހަކަތައް ވެސް ފަނޑިޔާރުން ދައްކާފައިވާ ކަމަށް އެ ވަކީލުން ވިދާޅުވި އެވެ. ދައުލަތުގެ ބައެއް ހެކިން ސިއްރުކޮށްފައިި އޮތުމުން އެކަށީގެންވާ މިންވަރަށް ދިފާއުވާން ފުރުސަތު ނުލިބޭކަން ފާހަގަކުރަމުން ދިފާއީ ވަކީލުން ބުނީ ބައެއް ހެކިން ކަނޑައެޅިގެން ދޮގު ހެކިބަސް ޝަރީއަތުގައި ދީފައިވާ ކަމަށެވެ. އެކަންކަން ދަށު ކޯޓުގައި ފާހަގަކުރި ނަމަވެސް އެކަމަށް އެއްވެސް ވަރަކަށް މައްސަލަ ނިންމިއިރު ބަލާފައިނުވާ ކަމަށް އެ ވަކީލުން ބުންޏެވެ. މީގެ އިތުރުން ނާޒިމްގެ އެޕާޓްމެންޓް ފާސްކުރަން އަމުރު ނެރުމުގައި ގާނޫނާ ޚިލާފް ކަމެއް ހިނގިތޯ ބަލަން ހައި ކޯޓުން އަންގާފައި ވަނިކޮށް ވެސް އެކަމަށް އެއްވެސް ވަރަކަށް ބަލާފައިނުވާ ކަމަށް އެ ވަކީލުން ވިދާޅުވި އެވެ. ވަކީލުން ވިދާޅުވީ އެކަން ދަށު ކޯޓުގައި އެތައް ފަހަރަކު ފާހަގަކުރި ނަމަވެސް އެ ނުކުތާ ބަލަން ދަށު ކޯޓުގެ ފަނޑިޔާރުން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެކަންކަން ފާހަގަކޮށް އެ ވަކީލުން އެދުނީ ނާޒިމަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްކޮށް ދިނުމަށެވެ. ދޮޅު ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުމުގައި އޮތީ ނާޒިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާތައް އިއްވުމެވެ. އެ ނުކުތާތަކާ ގުޅިގެން ޖަވާބު ދިނުމަށް ދައުލަތަށް ފުރުސަތު ދޭން ބެލިއިރު މިއަދުގައި އަޑުއެހުމުގައި ދައުލަތުން ބޭނުންވާ މިންވަރަށް ވަގުތު ނެތުމުން މާދަމާ ބާއްވާ އަޑުއެހުމުގައި ދައުލަތުން ޖަވާބުދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ އެ މައްސަލައިގެ އަޑުއެހުންތައް މިހަފުތާގެ ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދަވާނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ވަނީ އިއުލާންކޮށްފަ އެވެ. ނާޒިމްގެ މައްސަލަ ދަށު ކޯޓުން ބެލިއިރު އެ ކޯޓުގެ ބެންޗުގައި ތިއްބެވި ދެ ފަނޑިޔާރަކު މިހާރު ވަނީ ހައި ކޯޓަށް އައްޔަންކޮށްފަ އެވެ. ނަމަވެސް އެއިން ފަނޑިޔާރަކު ނާޒިމްގެ މައްސަލަ ހައި ކޯޓުގައި ބަލާ ބެންޗަކު ނުހިމެނެ އެވެ. ނާޒިމްގެ ފަރާތުން ހައި ކޯޓުގައި ވަކާލާތު ކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އިސްކޮށް ހުންނަވާ ވަކީލުންގެ ޓީމަކުންނެވެ. ނާޒިމް ޖަލަށްލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އޭނާގެ އެޕާޓްމެންޓުން ފިސްތޯލައަކާއި ތިން ވަޒަނުގެ އިތުރުން މެގަޒިނެއް ފެނުނު މައްސަލައިގަ އެވެ. ނާޒިމް ޑިފެންސް މިނިސްޓަރުކަމުން ވަކިކުރީ އެތަކެތި ފެނުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ