48 ގަޑިއިރުގެ ތެރޭގައި އެމްވީކޭގެ ޑިއުޓީ ފްރީ ފިހާރަ ހުސްކޮށް ޖީއެމްއާރާ ހަވާލުކުރުމަށް އެމްވީކޭގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި

އެމްވީކޭއިން އެއާޕޯޓްގައި ހިންގަމުން އަންނަ ޑިއުޓީ ފްރީ ފިހާރަ 48 ގަޑިއިރުގެ ތެރޭގައި ހުސްކޮށް ޖީއެމްއާރާ ހަވާލުކުރުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ އަލްފާ އެމްވީކޭބީ ފިހާރައިގައި ޑިސެމްބަރު ،31 2011 ގެ ނިޔަލަށް ތިބުމުގެ ހައްގު އެމްވީކޭ އަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުން އެދި އެމްވީކޭ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ހައްގު އެ ކުންފުންޏަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށާއި އެ ހުކުމް އެމްވީކޭ އިން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ހުކުމަށް ތާއީދުކޮށް ހުކުމްކޮށްފައިވާ ކަމަށް އަމުރުގައިވެ އެވެ. ނަމަވެސް މިހާތަނަށް އައި އިރު ވެސް އެމްވީކޭ އިން އެ ތަން ހުސްކޮށްފައި ނުވާކަން އެމްވީކޭގެ ބަހުން ވެސް އެނގެން އޮތް ކަމަށާއި އެހެންކަމުން ޑިސެމްބަރު ،19 2011 ވަނަ ދުވަހުގެ 00: 10 ން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ތަން ހުސްކޮށް ޖީއެމްއާރާ ހަވާލުކުރުމަށް އެމްވީކޭގެ މައްޗަށް އަމުރުކުރާ ކަމަށް ސިވިލް ކޯޓުގެ އަމުރުގައިވެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތަން ހުސްނުކޮށްފި ނަމަ ތަނުގެ މަސްލަހަތު ހިފަހައްޓާ، އެ ތަން ހުސްކޮށް ޖީއެމްއަރާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރި އެވެ. މިގޮތަށް ސިވިލް ކޯޓުން އަމުރުކުރީ އެ ކޯޓުގެ ހުކުމް ތަންފީޒުކޮށްދިނުން އެދި ޖީއެމްއާރުން މައްސަލަ ހުށަހެޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ