އިންޓަ ސްކޫލް ވޮލީގެ ތިން ކެޓަގަރީ އަކުން ޗެމްޕިއަންކަން ގޮއިދޫ އަށް

މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން، 14 އަހަރުން ދަށުގެ ފިރިހެން ބައިންނާއި އަންހެން ބައިން ބ. ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި އެވެ. މި ކާމިޔާބީއާ އެކު ގޮއިދޫ އިން ވަނީ މި މުބާރާތުގެ ރެކޯޑެއް ހަދައިފަ އެވެ. އެ ޓީމަކީ މި މުބާރާތުގެ ތިން ކެޓަގަރީ އަކުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ގޮއިދޫ ސްކޫލުން ހޯދީ ރޭ ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި ކުޅުނު ފައިނަލުގައި އަމީނިއްޔާ ސްކޫލު ބަލިކުރުމަށް ފަހު އެވެ. މިމެޗުގެ ސެޓުތައް ގޮއިދޫ ޓީމުން ގެންދިޔައީ 25-11، 25-12 އަދި 25-02 އިންނެވެ. މިމުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ގޮއިދޫން ހޯދީ ފައިނަލުގައި ތިން ސެޓުން އިމާދުއްދީން ސްކޫލް ބަލިކުރުމަށް ފަހު އެވެ. އަދި މި އުމުރުފުރާގެ ފިރިހެން ބައިން ވެސް ފައިނަލުގައި ވާދަކުރީ މި ދެ ޓީމެވެ. މި މުބާރާތުގެ 19 އަހަރުން ދަށުގެ ބައިގެ ކުޅުން މިރޭ ފަށާނެ އެވެ. މި އުމުރުފުރާގެ އަންހެން ބައިން ވާދަކުރަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ގަލޮޅު މަދަރުސާ އަދި ސީއެޗްއެސްއީ އެވެ. އަދި ފިރިހެން ބައިން ސީއެޗްއެސްއީ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވާދަކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ