ރާއްޖޭގެ 90 ޕަސެންޓް ރައްޔިތުން މި ސަަރުކާރު ގަބޫލުކުރޭ: ރައީސް ވަހީދު

މި ސަރުކާރަކީ ރާއްޖޭގެ 90 ޕަސެންޓް ރައްޔިތުން ގަބޫލުކުރާ ސަރުކާރެއް ކަމަށް ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. ށ. އަތޮޅުގެ ބައެއް ރަށްރަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި މެންދުރުފަހު ފޯކައިދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ އެއީ، ގައުމަށް ދިމާވެފައިވާ ސިޔާސީ ކަންކަމުގެ ތެރެއިން އަރައިގަނެ، ގައުމުގައި ސުލްހަ މަސްލަހަތު ގާއިމްކޮށް، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުފުޅުކުރައްވާތީ ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި، މި ސަރުކާރުގެ ކަންތައްތައް ކުރިއަށް ގެންދެވުމުގައި "ހަމަ އިންޗިއެއް ވެސް" ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑު މަސައްކަތްކުރާނީ، ހަމަ ހުރިހާ އެންމެން ގޮވައިގެން. އަޅުގަނޑު ކުލައަކަށް ނުބަލާނަން. އަޅުގަނޑު ޕާޓީއަކަށް ނުބަލާނަން. އަޅުގަނޑު ބަލާނީ ހުރިހާ އެންމެންނަކީ ވެސް ދިވެހި ރައްޔިތުންގެ ގޮތުގައި. އެހެންވީމާ، އެ ހުރިހާ ބޭފުޅުން ގޮވައިގެން ކުރިއަށްދާން އަޅުގަނޑު މިހިރީ ތައްޔާރަށް،" ރައީސް ވަހީދު ވިދާޅުވި އެވެ. ފޯކައިދޫ ރައްޔިތުންނަށް ބޭނުންވެފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މަސްވެރިންނަށް ފަސޭހައިން ދޯނި ބަނދަރުތެ ރެއަށް ވައްދައި ބޭއްވޭނެ ގޮތަކަށް ހެދުމަށްޓަކައި ސަރުކާރުން ވިސްނައި، ލުއިގޮތެއް ފެނޭތޯ މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ހަމައެއާއެކު، ވީހާވެސް ގިނަ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމްކުރުމަށްޓަކައި ސަރުކާރުން މަޝްރޫއުތަކެއް ރާވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ވަހީދު މިއަދު ވަނީ ފީވަކަސް ވެސް ވަޑައިގެންފަ އެވެ. ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވިގޮތުގައި ރައްޔިތުންގެ ސަލާމަތާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ދައުލަތުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އެ މަނިކުފާނު ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ އެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ހަމަ އެއްވެސް މީހަކު ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ހިފައި ހައްޔަރެއް ނުކުރައްވާނެ ކަމާއި ސަރުކާރުން ކުރާ ކަންކަމާ އެއްބަސްނުވާ މީހުން ހައްޔަރުނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ދަމަހައްޓައި، ގާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތްކުރުމަށް"، ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކުގައި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށް ކަމަށެވެ. ފީވަކު ރައްޔިތުން ތަރައްގީއަށްޓަކައި އެދޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވަމުން، މި އަހަރު އެރަށުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ފެށޭތޯ ބައްލަވާނެ ކަމުގައި ވިދާޅުވި އެވެ. ހަމައެއާއެކު، ބޯފެނާއި ނަރުދަމާގެ ނިޒާމަކީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ބޭނުންވެފައިވާ ނިޒާމެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި މި ނިޒާމް ގާއިމުކުރުމަށްޓަކައި ސަރުކާރުގެ ބަޖެޓާއި ބޭރުގެ އެހީއާ އެކީގައި މިކަންކަން ކުރެވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ މިއަހަރު ހޯއްދަވާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ