ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އަންގާފައެއް ނުވޭ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އަންގާފައިނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ބައެއް މީޑިއާތަކުގައި ވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އަންގާފައިވާކަމަށާއި އެކަމާ ގުޅިގެން އެ ގައުމުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާކަމަށް ރިޕޯޓުކޮށްފައެވެ. މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ފޮރިން މިނިސްޓްރީއަށް ސިންގަޕޫރު ސަރުކާރުން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން ނެރެފައިވާ ބަޔާނެއް ނޫންކަން ފާހަގަކުރަމުން ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ގައުމުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. މިފަދަ ހަގީގަތާއި ހިލާފު ވާހަކަތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ފޯރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސޯޝަލް މީޑިއާގައި ސިންގަޕޫރު ސަރުކާރުގެ ބަޔާނެއް ކަމަށް ބުނެ ދައުރުކުރާ ބަޔާނުގައި ވަނީ ދެކުނު އޭޝިޔާގެ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގާކަމަށާއި އޭގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭ ކަމަށް ބުނެފައެވެ. އަދި މިފަދައިން އަންގާފައިވަނީ މި ގައުމުތަކުގައި މުޒާހަރާތައް ކުރަމުންދާ ކަމަށާއި، ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތު ގޯސްވެފައިވާކަމަށް ބުނެއެވެ.
މިފަދަ ވާހަތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާ މި ދަނޑިވަޅަކީ މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮށްވާ ފެނުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ ސިލްސިލާކޮށް ޒުވާނުން މުޒާހަރާ ކުރަމުން ދާ ވަގުތެއްގައެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން ވަނީ އެފަދަ ބަޔާނެއް ނެރެފައި ނުވާ ކަމަށާއި، މިފަދަ ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ