ހަވީރު ސްޕޯޓްސް އެވޯޑްސް: ރަންބޫޓުގެ ކުރީގައި ދަގަނޑޭ

މި ސީޒަނުގެ ފަހު ބައިގެ ކުޅުން އަންނަ މަހުގެ ކުރީކޮޅު ފަށާއިރު ސީޒަންގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކަށް ހަވީރުން ދޭ ރަންބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅެނީ ރަންބޫޓޫ ފަސް ފަހަރު ހޯދައިފައިވާ ވީބީ ސްޕޯޓްސްގެ ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ އެވެ. ވިހި ހާސް ރުފިޔާއާ އެކު ދޭ ރަންބޫޓު މިދިޔަ އަހަރު ވެސް ހޯދި ދަގަނޑޭ މި ސީޒަނުގައި މިހާތަނަށް 18 ލަނޑު ޖަހާފައިވާއިރު އޭގެ ތެރެއިން 11 ލަނޑު ޖަހައިފައިވަނީ ދިރާގު ދިވެހި ލީގުގަ އެވެ. އަދި މި އަހަރުގެ އޭއެފްސީ ކަޕުގައި ދަގަނޑޭ ދެ ލަނޑު ޖެހިއިރު، ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މައިލޯ ޗެރިޓީ ޝީލްޑް މެޗުގައި ވެސް އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭ ވަނީ މި އަހަރު މާލޭގައި ކުޅުނު އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި ކެމްބޯޑިއާއާ ދެކޮޅަށް ހެޓްރިކެއް ވެސް ހަދައިފަ އެވެ. ދަގަނޑޭގެ ފަހަތުން ދެވަނައިގައި އޮތީ މިހާތަނަށް 15 ލަނޑު ޖަހާފައިވާ ވިކްޓަރީގެ ތަޖުރިބާކާރު ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. މިދިޔަ އަހަރު ވެސް ރަންބޫޓަށް ދަގަނޑޭއާ އެންމެ ގާތުން ވާދަކުރީ އޮއްޕޮ އެވެ. ތިން ވަނައިގައި އުޅެނީ މި ސީޒަނުގައި މިހާތަނަށް 13 ލަނޑު ޖަހައިފައިވާ ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) އެވެ. ބާރަ ލަނޑާ އެކު ވީބީގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ ލަނޑު ލިސްޓުގެ ހަތަރު ވަނަ މަގާމު ހޯދައިފަ އެވެ. ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ތިން ފަހަރު ހޯދައިފައިވާ ދަގަނޑޭ މީގެ ކުރިން ރަންބޫޓު ގެންދިޔައީ ،2003 ،2004 ،2005 2009 އަދި މިދިޔަ އަހަރު އެވެ. ދެވަނަ އަށް އެންމެ ގިނައިން ރަން ބޫޓު ހޯދައިފައި ވަނީ އޮއްޕޮ އެވެ. އޭނާ ތިން ފަހަރު ހޯދިއިރު ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) އަދި އަލީ ޝިހާމް (ހުރާ އައްޔަ) ދެ ފަހަރު ހަވީރުގެ ރަން ބޫޓު ހޯދައިފައިވެ އެވެ. ދަގަނޑޭ 2009 ވަނަ އަހަރުގެ ސީޒަނުގައި ޖެހި 39 ލަނޑަކީ ސީޒަނެއްގައި އެއް ކުޅުންތެރިޔަކު މިހާތަނަށް އެންމެ ގިނައިން ޖެހި އަދަދެވެ. ވިކްޓްރީގެ ގިނީ ފޯވާޑް ސެގްނޯ ރަފޭލް 2002 ވަނަ އަހަރު 35 ލަނޑު ޖަހައިގެން ހެދި ރެކޯޑް ދަގަނޑޭ އެންމެ ފުރަތަމަ މުގުރާލީ 2003 ވަނަ އަހަރު 36 ލަނޑު ޖަހައިގެންނެވެ. އޭގެ ފަހުން 2004 ވަނަ އަހަރު 37 ލަނޑު ޖަހައިގެން އޭނާ ވަނީ އަމިއްލަ ރެކޯޑް ވެސް މުގުރާލައިފަ އެވެ. ދަގަނޑޭ ފިޔަވައި ދިވެހި އެހެން ކުޅުންތެރިޔަކަށް ސީޒަނެއްގައި 30 ލަނޑު ވެސް ހަމަކުރެވިފައެއް ނުވެ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ ރަން ބޫޓަކީ އެވޯޑުގެ ފެށުމެވެ. އެގޮތުން 1994 ވަނަ އަހަރު ދޭން ފެށި މި އެވޯޑް އެންމެ ފުރަތަމަ ދެ އަހަރު ހޯދީ ނިއު ރޭޑިއަންޓުގެ ރޫމޭނިޔާ ފޯވާޑް ވިކްޓަ ސްޓެނިއު އާއި ކޮންގޯ ފޯވާޑް ޕެޓްރިކް ޗިކާޔާ އެވެ. ނަމަވެސް ދިވެހި ފޯވާޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހަވީރުން ފަހުން ވަނީ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ދިވެހި ކުޅުންތެރިޔާ އަށް ރަން ބޫޓު ދޭ ގޮތަށް ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ