ވޯލްޑް ކަޕް ވަގު ޓިކެޓުގެ މައްސަލާގައި ހޯދާ މީހާ އަމިއްލަ އަށް ކޯޓާ ހަވާލުވެއްޖެ

ރިއޯ ޑި ޖެނީރޯ (ޖުލައި 15) - ވޯލްޑް ކަޕް ޓިކެޓް ބްލެކް މާކެޓުގައި ވިއްކައިގެން އެތައް މިލިއަން ޑޮލަރެއްގެ ފައިދާ ހޯދި މައްސަލާގައި ހޯދާ އިނގިރޭސި ވިލާތުގެ ރޭ ވެލަން އަމިއްލަ އަށް އިއްޔެ ބްރެޒިލްގެ ކޯޓަކާ ހަވާލުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ. ވޯލްޑް ކަޕް މެޗުތަކުގެ ޓިކެޓް ވިއްކުމަށް ހަވާލުވެފައިވާ ފީފާގެ ޕާޓްނަރެއް ކަމަށްވާ މެޗު ސާވިސްގެ ޑިރެކްޓަރު ވެލަން، 64، އަމިއްލަ އަށް ކޯޓާ ހަވާލުވުމުން ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ޓިކެޓް މައްސަލާގައި ބްރެޒިލް ފުލުހުން އެންމެ ފުރަތަމަ ވެލަން ހައްޔަރުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. ނަމަވެސް ކޯޓުގައި ފައިސާ ބަހެއްޓުމަށް ފަހު އޭނާ ވަނީ އެއް ދުވަސް ފަހުން މިނިވަންވެފަ އެވެ. މި މައްސަލައާ ގުޅިގެން ބްރެޒިލްގެ ފަނޑިޔާރަކު ފަހުން ވަނީ ވެލަންއާ އިތުރު 10 މީހަކު ހައްޔަރު ކުރުމަށް ފުލުހުންނަށް އަމުރުކޮށްފަ އެވެ. ނަމަވެސް ވެލަން ރިއޯ ޑި ޖެނީރޯގައި ހުރި ހޮޓަލަށް އޭނާ ހައްޔަރު ކުރަން ބުރާސްފަތި ދުވަހު ފުލުހުން ދިޔަ އިރު އޭނާ ވަނީ އެ ހޮޓަލުން ޗެކްއައުޓްވެފަ އެވެ. ފުލުހުން ބުނެފައި ވަނީ ވެލަން ބްލެކް މާކެޓަށް ނެރެފައި ވަނީ ވީއައިޕީ ޓިކެޓާއި ސްޕޮންސަރުނާއި އެކި ޖަމާއަތްތަކަށް ޚާއްސަކޮށްފައިވާ ޓިކެޓްތައް ކަމަށެވެ. ފީފާ އިން އާއްމުންނަށް ވިއްކާ ޓިކެޓުގެ އިތުރުން ސްޕޮންސަރުންނާއި ފުޓްބޯލް ފެޑެރޭޝަންތަކާއި ކުޅުންތެރިން އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް ޓިކެޓުގެ ބޮޑު އަދަދެއް ރިޒާވް ކުރެ އެވެ. ބްލެކް މާކެޓަށް ނެރެފައި ވަނީ މި ޓެކެޓްތަކުން ބޮޑު ބައެކެވެ. ބައެއް މެޗުތަކުގައި 1،000 ޓިކެޓް، ޓިކެޓެއް 1،000 ޔޫރޯ (1،365 ޑޮލަރު) އަށް ވިއްކާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުންގެ ތަހްގީގުގައި ބްލެކް މާކެޓް ޓިކެޓް މައްސަލާގައި އެންމެ ފުރަތަމަ ތުހުމަތުކޮށްފައި ވަނީ ފްރާންސް- އަލްޖީރިއާ އަށް ނިސްބަތްވާ މީހަކަށެވެ. ދުބާއީގައި ދިރިއުޅޭ މުހައްމަދު ލަމީން ފޮފާނާ ނަމަކަށް ކިޔާ އެ މީހާ ރިއޯގައި ގެއެއް ކުއްޔަށް ހިފައިގެން އުޅެނިކޮށް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ފޮފާނާ އާއި ވެލަން އާއި ދެމެދު 900 އަށް ވުރެ ގިނަ ފޯނު ކޯލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޓިކެޓް މައްސަލާގައި ފޮފާނާއާ މަޝްވަރާ ކުރި ކަމަށް ވެލަން ދެކޮޅު ހަދަ އެވެ. އަދި މެޗު ސާވިސް އިން ވެސް ބުނެފައި ވަނީ ވެލަން އާއި ފޮފާނާއާ ދެމެދު ގާނޫނާ ޚިލާފު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ދެ މީހުން މަޝްވަރާކޮށްފައި ވަނީ ވޯލްޑް ކަޕަށް ހޮސްޕިޓަލިޓީ ޕެކޭޖްތަކެއް ވިއްކުމަށް ކަމަށް ބުނެފައިވެ އެވެ. މި މައްސަލާގައި ވެލަން ކުށްވެރިވެއްޖެ ނަމަ އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ