ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުވަންދެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ

ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުވަންދެން މާލޭގެ ބައެއް ސަރަހައްދުތަކުން ހެނދުނު 9:00އިން މެންދުރުފަހު 3:00 އާ ދޭތެރޭ ކަރަންޓް ކަނޑާލާނެކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ. ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު ވިދާޅުވީ ކަރަންޓް ކަނޑަމުންދާނީ ލޯޑު ބޮޑުވާ ގަޑިތަކުގައި ބައެއް ސަރަަހައްދުތަކުން އެންމެ ގިނައިން ވެސް އެއް ގަޑިއިރަށެވެ. ސްޓެލްކޯގެ ވެބްސައިޓުގައި އެ ސަރަހައްދުތައް ފާހަގަކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކަރަންޓް ދިނުމަށް ދަތިތަކެއް ކުރިމަތިވެގެން އުޅެނީ ސްޓެލްކޯއިން ބޭނުންކުރާ އެންމެ ބޮޑު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެގެންނެވެ. ނާޒިރު ވިދާޅުވީ ކުރީގައި ވެސް ކަރަންޓް ދެމުން އައިގޮތަށް ކަރަންޓް ދިނުމަށް ސްޓެލްކޯއިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. "އަޅުގަނޑުމެން (ސްޓެލްކޯ) ކެނޑިނޭޅި ހަމަ މި މަސައްކަތްކުރަނީ ކުރީގެ ހާލަތަށް ބަދަލުކުރަން. ކެޕޭސިޓީ އިތުރުކޮށް އިތުރު ޖަނަރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ހަމަ ކުރިއަށްދަނީ،" ނާޒިރު ވިދާޅުވި އެވެ. މާލެ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް 90 ވަރަކަށް މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ސްޓެލްކޯ އިން ވަނީ މިދިޔަ މޭ މަހު އިއުލާންކޮށްފަ އެވެ. މިއީ ސްޓެލްކޯ އިން އުފައްދާ ކަރަންޓުގެ މިންވަރަށް 50 މެގަވޮޓު އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މި މަޝްރޫއުގެ ދަށުން އަށް މެގަވޮޓުގެ ހަ އިންޖީނު އިތުރަށް ބަަހައްޓާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ