ރައީސް މުހައްމަދު ނަޝީދުގެވެރިކަން ބަދަލުވިގޮތް ބަލާ އެކުލަވާލާފައިވާ ކޯނީގެ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންގެންދާއިރު އެ މަސައްކަތް ހުއްޓުވުމަށް ބާރުގަދަ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންގެންދާކަމަށް މަޖިލީހުގެ ސަރުކާރު ޒިންމާދާރުކުރުވާމިންވަރު ބަލާ ކޮމެޓީން ބުނެފިއެވެ.
ކޮމެޓީގެ މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓް ދިރާސާކުރުމަކީ ބޮޑު އަދި ނުރައްކާ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދާތީ އެކަން ހުއްޓުވަން ބާރު ގަދަ ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުނުވާނެކަމަށެވެ.
"މިއީ ވަރަށް ނުރައްކާތެރި މަސައްކަތެއް. ބަޔާންދޭ ފަރާތްތަކާމެދު ހަދާގޮތް ތިޔަ ފަރާތްތަކަށް ފެންނާނެ. މިކަން ހުއްޓުވުމަށް އަޅުގަނޑަށްވެސް ބާރު ފޯރުވަން އެބައުޅުއްވާ. އެކަމަކު އެހެންނުވާނެ. މިއީގައުމީ ބޮޑު މަސައްކަތެއް،" ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ކޮމެޓީއަށް ރޭ ހާޒިރުކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ކޮމެޓީން ބަލަމުންދަނީ ހަމައެކަނިވެރިކަން ބަދަލުވެގެންދިޔައީ ބަޣާވާތަކުންތޯ ބެލުމުގެ މަސައްކަތް ނޫން ކަމަށާއި ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަރަށް ގިނަ ކަންކަން ބަލަމުންގެންދާކަމަށެވެ.
"ވެރިކަން ބަދަލުވިގޮތް އެކަންޏެއްނޫން ބަލަމުންދަނީ އަކީ. މިސާލަކަށް ފުލުހުންނާއި ސިފައިންގެ ތެރެއަށް ގެންނަންޖެހޭ އިސްލާހަކީ ކޮބައިތޯ އާއި އަދި ވެރިކަން ބަދަލުވި ހާދިސާއާ ގުޅިގެން ރަނގަޅު ކުރަން ޖެހޭކަންތައްތަކަކީ ކޮބައިތޯ ވެސް ބަލާނެ،" އޭނާ ވިދާޅުވި އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ކޮމެޓީއަށް ދޭ ބަޔާންތައް އުނި އިތުރު ނުގެންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ކޮމެޓީއަށް ދޭ ބަޔާންތަކުން ކަނޑާނެ އެއްވެސް ތަނެއް ނޯންނާނެކަމަށާއި އެބޭފުޅަކު ދެއްކެވި ވާހަކައެއް ދެއްކެވި ގޮތަށް ބަޔާން ކުރާނެކަމަށެވެ.
ކޯނީގެ ރިޕޯޓުގައި ހިމެނޭ ބައެއް ބައިތަކަކީ އެކަމާބެހޭ ގޮތުން ހިނގާފައިވާ ނުވަތަ ދީފައިވާ ބަޔާންތަކަށް ބަލާއިރު ޑްރާފްޓަކަށްވެސް ނުފުދޭ މިންވަރަށް ހުރި އެއްޗެއް ކަމަށް އަލީ ވަހީދު ރޭ ވެސް ވިދާޅުވިއެވެ. އަދި ކޯނީގެ ރިޕޯޓްތައް ފޮނުވުމަށް ކޮމެޓީން އެންގި އެންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިޖާބުނުދެއްވުމަކީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާއާ ހިލާފަށް ކުރެއްވި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 99 ވަނަ މާއްދާގައި (ހ) ގައި ބުނެފައިވަނީ " ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުވެ، އެމަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން ހެކިބަސް ދިނުމަށާއި ރައޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުން. މި މާއްދާގައި ބަޔާންވެގެންވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާކުރާ ކޮންމެ ސުވާލަކަންމެ އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭން ވާނެއެވެ.
ކޯނީގެ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ހުއްޓާލުމަށް ދަނީ ބާރު އަޅަމުން: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ