ޕެރެޑައިސްގެ ސްޕާ ބަންދުކުރަން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޕެރެޑައިސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ ސްޕާ ބަންދުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އަމުރު ނެރުއްވަމުން ގާޒީ އަބްދުﷲ އަދީބް ވިދާޅުވީ ޕެރެޑައިސް އައިލެންޑް ހިންގާ ވިލާ ޓްރެވަލްސް އެންޑް ޓްރޭޑްގެ ފަރާތުން ޓުއަރިޒަމް މިނިސްޓްރީގެ މައްޗަށް ދައުވާކުރި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެއީ އެފަދަ އަމުރެއް ނެރެންޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް މައްސަލަ ނިމެންދެން ޓުއަރިޒަމް މިނިސްޓްރީން ޕެރެޑައިސް އައިލެންޑް ރިޒޯޓްގެ ސްޕާ ބަންދުކުރަން އަންގާ ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް އަމުރުކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ. މިމައްސަލައިގައި ދައުވާކުރާ ފަރާތުގެ ވަކީލް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީގެ އެންގުމަކީ އެއްބަސްވުމާ ހިލާފަށް އަންގާފައިވާ އެންގުމެއް ކަމަށެވެ. އަދި ހަށި ވިއްކާ ކަމަށް ތުހުމަތު ކުރާއިރު އެފަދަ އެއްވެސް ހެއްކެއް ގަރީނާއެއް ލިބިފައިނުވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އެމްއެންބިސީ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ކަމަށާއި މީގެ އިތުރުން ޕެރެޑައިސްގެ އިސްވެރިން ފުލުހަށް ހާޒިރުކޮށް ޖިނާއީ ތަހުގީގު ހިންގަމުން ދާކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. ދައުވާއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ މި މައްސަލައިގައި ދައުވާކޮށްފައި ވަނީ ޓުއަރިޒަމް މިނިސްޓްރީގެ އެ އެންގުމަކީ ގާނޫނާ ހިލާފް އެންގުމެއް ކަމަށް ކަނޑައަޅައި ދިނުން އެދި ކަމަށާއި ވަގުތީ އަމުރުގައި އެދިފައިވަނީ އެއަށް އަމަލުކުރުން ފަސްކުރުމަށް ކަމަށެވެ. އެހެންކަމުން ދައުވާގައި އެދިފައިވާ ކަންތަކާއި ވަގުތީ އަމުރަށް އެދިފައިވާ ކަންތަކާ އެއްގޮތް ކަމުން އެއް ނަތީޖާއެއް ނިކުންނަ ކަމަށެވެ. އެހެންކަމުން އެފަދަ ވަގުތީ އަމުރެއް ނެރެންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. ދައުވާއަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމުން ދައުވާއަށް ޖަވާބުދާރީ ވުމަށް ވަގުތު ބޭނުންވާ ކަމަށް ދައުލަތުން ބުނުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. ގާސިމްގެ ރޯޔަލް އައިލެންޑް ރިޒޯޓުގެ ސްޕާ ބަންދުކުރަން އެންގި މައްސަލައިގައި ވެސް ޓުއަރިޒަމް މިނިސްޓްރީގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލައިގައި ވެސް މިއަދު ވަނީ އެ އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ