ޗެމްޕިއަންކަން ހޯދާ ސެރީނާ ވިމްބަލްޑަން ތާރިހުގެ ތެރެއަށް

ލަންޑަން (ޖުލައި 12) – ވިމްބަލްޑަންގެ އަންހެން ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ހޯދާ ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާ ސެރީނާ ވިލިއަމްސް ބާރާތުގެ ތާރީހުން ޖާގަ ހޯދައިފި އެވެ. މިއީ 2012 ވަނަ އަހަރަށް ފަހު އުމުރުން 33 އަހަރުގެ ސެރީނާ މި މުބާރާތުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. ފައިނަލުގައި ދުނިޔޭގެ 20 ވަނައިގައި އޮތް ސްޕެއިންގެ ގާބިން މުގުރުޒާގެ މައްޗަށް ސެރީނާ ކުރި ހޯދީ 6-4، 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ. މިއީ ގާބިން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ސެރީނާ އަކީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެންމެ ދުވަސްވީ އަންހެން ކުޅުންތެރިއާ އެވެ. މި ކާމިޔާބީ އަކީ ޓެނިސް ކެރިއަރުގައި އޭނާ ހޯދި 21 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އަންނަ މަހު ފަށާ ޔޫއެސް އޯޕަން ސެރީނާ އަށް މުހިއްމެވެ. އެއީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި ނަމަ ސެރީނާ އަށް ޖަރުމަނުގެ ކުރީގެ ތަރި ސްޓެފީ ގްރަފްގެ ރެކޯޑާ ހަމަކުރެވޭނެތީ އެވެ. އޭނާ ވަނީ 22 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފަ އެވެ. މި ތަށްޓާ އެކު ސެރީނާ ވަނީ ޖައްސަޖައްސައިގެން ކުޅުނު ހަތަރު ގްރޭންޑް ސްލޭމް ކާމިޔާބުކޮށް "ސެރީނާ ސްލޭމް" ފުރިހަމަ ކޮށްފަ އެވެ. ސެރީނާ ބުނީ، އޭނާއާ ދެކޮޅަށް ގާބިން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި މި މެޗުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ގާބިންގެ ފަރާތުން ފެނުނު ހިތްވަރަށް ސެރީނާ ވަނީ ތައުރީފް ކޮށްފަ އެވެ. "ވިމްބަލްޑަން ޗެމްޕިއަނަކަށްވުމަކީ ތަފާތު އިހުސާސެއް. ކެރިއަރުގެ ފަހު ކޮޅު ކާމިޔާބީ ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު އަހަރެން ބޭނުންވަނީ އުފަލާ އެކު ކާމިޔާބީ ހާސިލް ކުރަން،" ފައިނަލަށް ފަހު ސެރީނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ