ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ރިޝްވަތުގެ ދައުވާގެ ޝަރީއަތުގައި އަމަލު ކުރަމުން ދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓަށް ފާރިސްގެ ފަރާތުން ހުށަހެޅި މައްސަލާގައި އެދިފައިވަނީ، ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ހިންގަވާ ޝަރީއަތަކީ ސުޕްރީމް ކޯޓުން ޝަރީއަތްތައް ހިންގަން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ހިންގާ ޝަރީއަތެއް ކަމަށް ކަނޑައަޅާށެވެ. އޭގެއިތުރުން ގާނޫނު އަސާސީގެ 42 ވަނަ މާއްދާ އާއި 51 ވަނަ މާއްދާއާ ހިލާފަށް ވެސް ހިންގާ ޝަރީއަތެއް ކަމަށް ކަނޑައަޅާށެވެ.
ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތަކީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ 198 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ އިސްތިއުނާފުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ހިންގާ ޝަރީއަތެއް ކަމަށް ކަނޑައަޅަން ވެސް އެދިފައިވެ އެވެ. އަދި އެ ޝަރީއަތް ހިންގަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 144 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވެސް ކަނޑައަޅާށެވެ.
ފާރިސްއަށް ގާނޫނު އަސާސީއިން ލިބެންޖެހޭ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ހިންގާ ޝަރީއަތެއް ކަމަށް ކަނޑައަޅަން އެދިފައިވަނީ "ރިޓް އޮފް ޕޮރޮހިބިޝަން"ގެ އަމުރެއް ނެރެދިނުމަށެވެ.
ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް އެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. މިހާރު ވެސް ފާރިސް ހައްޔަރުކޮށްފައިވަނީ އެފަދަ މައްސަލައެއްގެ ތުހުމަތަށެވެ. އެއީ، ސަރުކާރު ވައްޓާލަން މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހި ކަމަށް ތުހުމަތުކޮށެވެ.
ފާރިސްގެ ޝަރީއަތް އިންސާފުވެރި ކުރަން މައްސަލައެއް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ