އުއްތަމަ ފަނޑިޔާރުކަމަށް އަބްދުﷲ ދީދީ އައްޔަނުކުރަން ޖޭއެސްސީން ލަފާދީފި
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަނުކުރުމަށް ޖުޑީޝަލް ސާވިސެސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ނިންމައިފިއެވެ.ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުސްވެފައިވާ އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަނުކުރުމަށް ކޮމިޝަނަށް ފެންނަ ކަމަށެވެ.މީގެ އިތުރުން، ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ދެ ފަނޑިޔާރުން މއ. ވޭސައިޑް 310 ފްލެޓް އަބްދުﷲ ދީދީއާއި، ހ. ކޯސްޓްސައިޑް އަބްދުލްޣަނީ މުހައްމަދު އައްޔަނުކުރުމަށް މިއަދު އޮތް ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީފައިވާ ކަމަށެވެ.ސުޕްރީމު ކޯޓުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ތިއްބެވި ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އަދި އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުންނެވެ. އެކުށަކީ އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތަން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުމުގެ ދައުވާ ސާބިތު ވެގެންނެވެ.ދާދި ފަހުން އިސްލާހު ކުރި ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ