ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެ ކުރި ކަންކަމަކީ މާފު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މި ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންނާއެކު އެޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރުގައި ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރުން ބައިވެރިވެފައިވާއިރު އެއީ ފަރުދީ ގޮތުން މާފު ދެވޭނެ ކަންކަމެއް ނޫން ކަމަށެވެ. ސިޔާސީ މީހުން އެކަން ކުރުމަށް ޝާމިލްކޮށްފައި އެވަނީ ރާއްޖޭގެ އަމާންކަން ބަލަހައްޓަންތިބި އެންމެ ނުފޫޒުގަދަ މީހުން ކަމަށް ރައީސް ވިދާޅުވި އެެވެ.
"މިއީ ދައުލަތުގެ ހައްގުތަކަށް އަރައިގަތުން. ސިޔާސީ މީހުން އެމީހުންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ގާނޫނުގެ ބޭރުން ގާނޫނާ ހިލާފަށް ކުރާ ކަންކަން. ގާނޫނާ ހިލާފަށް ކަންކަންކޮށްގެން އެމީހުން ވާސިލްވާން ބޭނުންވާ ހިލާފަށް ދިޔައީމަ ދެން އެމީހުން ރަނގަޅަށް ކަންކަން ކުރާނެ ކަމަށް ވިސްނުމަކީ ގޯސްވިސްނުމެއް،" އާންމުކޮށް ނޫސްވެރިންނަށް ފުރުސަތު ނުދޭ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ސުޕްރީމް ކޯޓުގެ އަމުރު ފަހުން ބާތިލްކުރީ އެއަމުރުގައި ގޯސްތަކެއް އުޅޭކަން ކުރިން އެ އަމުރުގައި ސޮއިކުރި ތިން ފަނޑިޔާރުންނަށް ވިސްނިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
އެ އަމުރު ނެރުމާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެއަމުރު ތަންފީޒު ކުރާނެ ކަމަށް އެންގި އޭރުގެ ކޮމިޝަނާ އަހުމަދު އަރީފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އެކަންކަމަކީ ދައުލަތަކަށް އުފުލޭ ވަރު ކަންކަން ނޫން ކަމަށާއި ފިކުރު ވަރުގަދަ ކުރަން އުޅެގެން ގައުމު ހަލާކުވުމުން އޭގެން ބޭނުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުން ހިމާޔަތް ހޯދައިގެން ތިބި ސިޔާސީ ބޭފުޅުންނަށް އަމާޒުކުރައްވައި ރައީސް ވިދާޅުވީ ހުކުމެއްކޮށްފާނެތޯ ގައުމަށް ނައިސް ތިބުމުން އެނގިގެން ދަނީ ގާނޫނީ ސަރުކާރެއް ތަންފީޒު ކުރަން ކުފޫ ހަމަނުވާކަން ކަމަށެވެ.
"ބޭރު ކަރަކަރާގައި ތިބެގެން ރާއްޖެ ތަރައްގީ ކުރުމަކީ ނެތް ގޮތެއް ދެއްތޯ. އަދި އަމުދުން މިލަންދޫ. އިހަވަންދޫ ތަރައްގީ ކުރުމަކީ ނެތް ގޮތެއް." ރައީސް ވިދާޅުވި އެވެ.
އަމާންކަމުގެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2012 އިން ފެށިގެން 57 މީހުން ރާއްޖޭގައި މަރާލާފައިވާއިރު އެއީ މި މުސްލިމް އަދި ކުޑަކުޑަ މުޖުތަމައުމާ ގުޅޭ ކަމެއް ނޫން ކަމަށެވެ. ސުލްހައަށް ލޯބިކުރާ މީހުން ދެކެން ބޭނުން ކިތަންމެ މަންޒަރެއް ވަނީ ފެނިފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެއީ ސުލްހައަށް ލޯބިކުރާ މީހުން ވިސްނަން ޖެހޭ ކަންތައްތަކެއް ކަމަށާއި ހިޔާލު ތަފާތުވާ މީހުންނަށް ގޯނާ ކުރުމަކީ ރާއްޖެއާއި ޑިމޮކުރަސީގެ ރީތި އުސޫލު ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ގޮތެއްގައި ރައްޔިތުންގެ ލޯތްބާއި ހިތް ހޯދާފައިވަނީ މުލައްދަނޑީގެ ބާރަކުން ނޫން. އަޅުގަނޑުމެން ހަމަ ވިސްނައި ދެވޭތޯ ބަލާފައި ހުރީ ކޮބާތޯ އަޅުގަނޑުމެން މި ސްޓޭންޑްކުރާ އުސޫލުތަކަކީ. ޕްރިންސިޕަލްތަކަކީ."
ރާއްޖެއަށް އައިސްފައިވާ ބަދަލު އައިސްފައިވަނީ ޑިމޮކުރަސީގެ ނަމުގައި ރޫހާ ހިލާފު އެތައް ކަމެއް ކުރުމުން ކަމަށް. އެފަދަ ކަންކަމުގެ ސަބަބުން އަދަބު ލިބެނީ ޒުވާން ކުދިންނަށް ކަމަށާއި އެކުދިންނަށް އަޅާލާނެ މީހަކު ފަހުން ނުވާ ކަމަށެވެ.
ދިވެހި ރާއްޖެ އާރާސްތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެންމެ ބޮޑު އުފަލަކީ އަމާންކަން ކުރީގައި ނެތް ވަރަށް މިހާރު ގާއިމުކުރެވިފައިވާތީ އާއި މީގެ ކުރިން އުއްމީދު ނުކުރާފަދަ ބޮޑެތި މަޝްރޫތައް ހިންގޭތީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތަރު އެއާޕޯޓް އެޅުމަށް ހަވާލު ކުރާނެ ކަމަށާއި އެއީ ފައިސާ ހުރެގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ކަމަށް ވިދާޅުވި އެވެ.
"މި ހަތަރު އެއާޕޯޓް ހެދިގެން ދިއުމަކީ ހަމައެކަނި އަޅުގަނޑުމެން ރައްޔިތުންގެ ދަތުރުފަތުރަށް އަންނަ ފަސޭހަ ކަމެއް ނޫން. މިއީ އަޅުގަނޑުމެންގެ އިގްތިސާދީ ވިސްނުމާ މުޅި ރާއްޖެ ތަރައްގީކުރަން. ހާއްސަގޮތެއްގައި ރާއްޖެތެރެ. މާލެއާ ވަކިން މިއޮންނަ އަތޮޅުތެރެ ތަރައްގީ ކުރަން ކުރާ މަސައްކަތް،"
ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލްކަންވެސް އެބަހުރި ކަމަށާއި ރާއްޖޭގެ ކަންކަމާ ބެހުމަށް ބޭރުމީހުންނަށް ފުރުސަތު ދޭ މީހުން ބަލައެއް ނުގަނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މައާފެއް ނެތް: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ