އިންޓަރ ސްކޫލް ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތެއް މިއަހަރު ބާއްވަނީ

ރާއްޖޭގެ ހުރިހާ ސުކޫލުތަކަށް ހުޅުވާލައިގެން އިންޓަރ ސްކޫލް ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތެއް މިއަހަރު ބާއްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޒިޔާދު ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތަކީވެސް ވަރަށް ކާމިޔާބު ކަމާއެކު ހިންގުނު މުބާރާތެއް ކަމަށެވެ. އަދި މިއަހަރު އައު ބަދަލުތަކަކާއެކު ހުރިހާ ސުކޫލުތަކަށް ހުޅުވާލައިގެން އިންޓަރ ސްކޫލް ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތެއް ބާއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ އަޑުއިވޭކަމަށާއި، ނަމަވެސް ހަމައެކަނި ރީތިކޮށް ޤުރުއާން ކިޔެވުމަކުން ޤުރުއާނުގެ މަގުސަދު ހާސިލްނުވާ ކަމަށެވެ. އަދި ޤުރުއާނުގެ އަދަބާއި އަޚުލާގު މީހުންގެ އަމަލުތަކުން ފެންނަނީ ވަރަށް މަދުންކަމަށާއި، ޤުރުއާން ކިޔެވުމުގެ އިތުރަށް ރީތި އަދަބާ އަޚުލާގު އެންމެންގެ ދޫތަކާއި ހިތްތައް ޒީނަތްތެރިކޮށްގެން ނުނީ އަމަންއަމާން ޖީލެއް ބިނާ ނުކުރެވޭނެ ކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި މިޖަލްސާގައި ވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތުން ރަން ވަނަތައް ހާސިލު ކުރި ފަރާތްތަކަށް އިނާމް ދީފަ އެވެ.
ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތުގެ، ފޮތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދީ، ހއ. އިހަވަންދޫ، ރޯޒީވިލާ، މުހައްމަދު އައިމަން އިބްރާހީމެވެ. މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ މއ. ނާރެސް ޢާލާ އަޒްމަތް ޖަމީލެވެ.
މި އިނާމްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ