ހުޅުމާލޭ ރައްޔިތުން ގާތަށް ވޯޓު ހޯދަން ވަޑައިގަތުމަށް ރައީސް ޔާމިން ލަދުވެތިވާންޖެހޭނެ: ޑރ. ދީދީ

ހުޅުމާލޭގެ ބާނީ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނުހައްގުން އެތައް އަނިޔާއެއްދީ އެމަނިކުފާނު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ހުޅުމާލެ ރައްޔިތުންގެ ގާތުގައި ކަމަކަށް އެދިވަވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމިން ލަދުވެތިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ހުންނަ އިއްތިހާދުގެ ކެމްޕޭން ޖަގަހައިގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ދީދީ ވިދާޅުވީ ހުޅުމާލޭގައި ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާ ބައްދަލުކުރުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް އެބަހުރި ކަން ފާހަގަވެގެން ގޮސްފި ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަތައްކަށް ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި އެއްވެސް ހައްލެއް ނުލިބުނު އިރު ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރި މަންޒަރު ވެސް ފެނިވަޑައިނުގަންނަވާ ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.
ހުޅުމާލޭގެ ރައްޔިތުން ވަނީ އެޗްޑީސީ އަތްދަށުވެ ސިޓީ ކައުންސިލުން ލިބެންވާ މުނިސިޕަލް ހިދުމަތްތައް ނުލިބިކަން ފާހަގަކުރައްވާ ޑރ. ދީދީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ސިޓީ ކައުންސިލް މެދުވެރިކޮށް ހުޅުމާލޭގެ ރައްޔިތުންނަށް ލިބެންވާ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދީ ހުޅުމާލެގެ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ ދަތިތަކަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ހޯމްއެފެއާޒް ކޮމިޓީގެ ޗެއާޕާސަން އަހްމަދު ތައުފީގް (ޓޯޕީ) ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަކީ ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ އިންތިހާބެއް ކަމަށެވެ.
ތައުފީގު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވަރަށް ބޮޑު ޒިންމާއަކާ އެކު މަސްއޫލިއްޔަތުތަކެއް ހަވާލުވެފައިވާ މަގާމެއް ކަމަށެވެ. ގައުމުގެ ރައްޔިތުންގެ އަތުގައި ހުރި ހުރިހާ ފައިސާއަކާއި މުޅި ގައުމުގެ ބިމާއި މުދަލަށް ޒިންމާވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅާ ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މައްޗަށް އިސްވެ ހުރެ ހުރިހާ ރައްޔިތުން ބެލެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމާއި އެއީ ވަރަށް ކެތްތެރި މީހަކަށް ނޫނީ ނުވާނެ ކަމެއްކަން ފާހަގަ ކުރައްވައި ތައުފީގު ވިދާޅުވީ އެ މަގާމުގައި ހުންނަވާ ބޭފުޅަކީ ޒިންމާދާރު އަމާނާތްތެރިއެއް ކަމާއި އޯގާތެރި ބޭފުޅެއްކަން ޔަގީން ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އެހެން ނޫން ނަމަ މިގައުމުން ފެންނާނީ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސް ގައުމު ވިކި ހުސްވާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.
މުޅި ރާއްޖޭގައި ވަރަށް ފޯރިއާއި އެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކުގައި ހުޅުމާލޭގެ ރައްޔިތުންވެސް ދަނީ ވަރަށް ފޯރިއާ އެކު ބައިވެރިވަމުންނެވެ. އެގޮތުން ހުޅުމާލެ ތެރޭގައި ބެނާ ދެމުމުގެ ހަރަކާތެއް ރޭގެ ބައްދަލުވުމަށް ފަހުވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ރޭގެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވެ ގުޅިފައިވާ އިއްތިހާދަށް ތާއީދުކޮށް ރައްޔިތުންގެ ޝުއޫރު ފާޅުކޮށް ވަނީ ވާހަކަ ދައްކާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ