ވެލިދޫ ވޯކްޝޮޕުން ވަގަށް ނެގި ސާމާނުތަކެއް ހޯދާ ދެމީހަކު ހައްޔަރުކޮށްފި

ނ. ވެލިދޫގައި އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތްކުރާ ވޯރކްޝޮޕެއް ކަމުގައިވާ “ސޯލްޓެޑް ފައިބަރވޯރކްސް” އިން ވަގަށް ނަގާފައިވާ ސާމާނުތަކެއް ހޯދައި އެމައްސަލައާއި ގުޅުން ހުރި ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލައިގެ ތުހުމަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 31 އަހަރުގެ މީހަކާއި 19 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މިވައްކަމުގެ މައްސަލާގައި އެތަނުން ވަގަށް ނަގާފައިވާ ކަމަށް ރިޕޯރޓް ކުރެވިފައިވަނީ މަކިޓާ ބްރޭންޑުގެ ޕެޓްރޯލުން ބޭނުންކުރާ ކީހަކާއި ކަރަންޓް ބުރުމާއަކާއި ރެސިން ހުރި 20 ލީޓަރުގެ ތިން ހަން ކަމަށް ފުލުހުން ބުނެ އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެތަނުން ވަގަށް ނެގި ކަމަށް ރިޕޯޓްކޮށްފައިވާ ތަކެތީގެ ތެރެއިން ރެސިން ހަންތައް ފިޔަވައި އެހެން ހުރިހާ ސާމާނުތަކެއް މިހާރު އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެތަކެތި ހޯދާފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެރަށުގެ ފަޅުގެއެއްގެ ތެރެއިން ކަމަށާޢި މިމައްސަލައާއި ގުޅުން ހުރި އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީވެސް އެފަޅު ގެއިން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ގެންދަނީ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ