އާ ބަދަލުގެ ކުލަތައް ނިއުއިން ފެންނަން ފަށައިފި

ނިއު ރޭޑިއަންޓްގެ މިހާރުގެ ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮން އެ ޓީމާ ހަވާލުވެ، ދިވެހި މީޑިއާގެ ކުރިމަތީގައި އޭނާ ބުނި އެންމެ މުހިންމު ވާހަކައަކީ، އޭނާ ބޭނުންވާ ސްޓައިލަށް ނިއުރޭޑިއަންޓް ބަދަލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ޓީމާއެކު އޭނާ ހޭދަ ކުރި، 15 ވަރަކަށް ދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.
ބުރުޒޮންގެ ސްޓައިލް އޭނާ ބިނާ ކޮށްފައި ވަނީ ބޯޅަ ކޮންޓްރޯލް ކޮށްގެން، ގިނަ ޕާސްތަކެއް ޖަހައިގެން ކުޅޭ އަވަސް ގޭމަކަށެވެ. އެއީ ކުރަން އަުނދަގޫ މަސައްކަތެއްކަން ބުރުޒޮން ވެސް ގަބޫލު ކުރެ އެވެ. އެންމެ ބޮޑު ގޮން ޖެހުމަކީ، ސީޒަނެއްގެ މެދުތެރެއިން ޓީމާ ހަވާލުވެ މަސައްކަތް ކުރަން ޖެހުމެވެ. އެހެންވެ އޭނާ އަށް އެ މަސައްކަތަށް ވުރެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވަނީ މުހިންމު މެޗުތަކުން ނަތީޖާ ނެރެ، ނިއު ތާވަލުގެ އެންމެ އުހަށް ގެންދިއުމުގެ މަސައްކަތް ކުރުމަށެވެ.
"އަހަރެމެން މިހާރު މިއޮތީ ރަނގަޅު ހާލަތެއްގައި، މިދިޔަ ހަފުތާތަކުގައި އަހަރެމެން ކުރި މަސައްކަތުން އަހަންނަށް ފެންނަން ފަށައިފި ކުޅުންތެރިންގެ ފަރާތުން ފެންނަން ބޭނުންވާ ބަދަލުތައް ވެސް،" ބުރުޒޮން ބުންޏެވެ. "ކުޅުންތެރިންގެ ސްޕީޑާއި ގޭމްގެ ވަރުގަދަކަން ދަނީ ފެންނަމުން."
އޭނާ ބުނީ ނަތީޖާގެ އިތުރުން ކޮންމެ މެޗެއްގައި ވެސް އޭނާ މަސައްކަތް ކުރަނީ، މީހުން ބަލާ ހިތްވާ ކަހަލަ މެޗެއް ގެނެސްދިނުމަށް ކަމަށެވެ. ނަމަވެސް ކޮންމެހެން ނަތީޖާއާ މެދު ނުވިސްނާ ކަމަށާއި އޭނާ ބޭނުންވަނީ ގެންނަން ބޭނުންވާ ޕްރޮސަސްއަށް ސަމަލާކަން ދިނުން ކަމަށެވެ.
"ކަލޭމެންނަށް ފެންނާނެ އަހަރެން ކުޅުވަން މަސައްކަތް ކުރާ ގޮތް، އެންމެ ފެންވަރު ރަނގަޅުކޮށް ކުޅުމަށްޓަކައި ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުމަށް މަސައްކަތް ކުރަން،" އިންޑިއާގެ ސްޕޯޓިން ގޯވާއަށް ވެސް ކޯޗް ކޮށްދިން ސްޕެއިންގެ ކޯޗް ބުންޏެވެ. "އަހަރެން ނަތީޖާއާ މެދު އެހާ ބޮޑަށް ނުވިސްނަނީ އަހަންނަށް އެނގޭ މިގޮތަށް ގޭމް ޕްލޭން ބަދަލުކޮށްގެން ނަތީޖާ ނެރެވޭނެކަން މިގޮތަށް ކުޅެ އިދިކޮޅު ޓީމުގެ ޑިފެންސްގެ ފަހަތުން، ޖާގަ ހޯދައިގެން ހަމަލާ އުފެއްދުމަވެސް އަހަރެމެން ސަމާލުކަން ދެން." ބުރުޒޮން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ