އިންޓަ - ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ދެވަނަ މެޗުގައި އަމީނިއްޔާ ކައިރިން އިސްކަންދަރު ސްކޫލް މޮޅުވެއްޖެ އެވެ.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމް ކޮށްގެން ޒުވާނުންގެ މަރުކަޒުގައި މިހާރު ކުރިއަށް ގެންދާ 15 ވަނަ އިންޓަ - ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ރޭ އަމީނިއްޔާ ސްކޫލާ ދެކޮޅަށް ކުޅެ އިސްކަންދަރު ސްކޫލުން މެޗު ކާމިޔާބު ކުރީ 32 ޕޮއިންޓު 27 ޕޮއިންޓުންނެވެ.
އެ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރައިގެ އަންހެން ކުދިންގެ މެޗުގައި އިމާދުއްދީން ސްކޫލާ ވާދަކޮށް 16 ޕޮއިންޓު 10 ޕޮއިންޓުން މެޗު ކާމިޔާބު ކުރީ އިސްކަންދަރު ސްކޫލްގެ ޓީމެވެ. އަދި ރޭ ކުޅުނު 14 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ކުދިންގެ ބާސްކެޓްބޯޅަ މެޗުގައި ކަލާފާނު ސްކޫލާއި ޣިޔާސުއްދީން ސްކޫލް ވާދަކުރި މެޗު ފަސޭހަކަމާއެކު އެއް ޕޮއިންޓު 32 ޕޮއިންޓުން ކާމިޔާބު ކުރީ ކަލާފާނު ސްކޫލެވެ.
މައިލޯއިން ސްޕޮންސާ ކޮށްގެން މިމަހު 10 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުގައި 13 ސްކޫލަކުން ތިން އުމުރުފުރައެއްގެ 35 ފަސް ޓީމު ބައިވެރިވެފައިވާއިރު ފިރިހެން ކުދިންގެ 19 ޓީމަކާއި އަންހެން ކުދިންގެ 16 ޓީމު ބައިވެރިވެފައިވެ އެވެ. އެގޮތުން މުބާރާތުގައި ބައިވެރިވި ސްކޫލް ތަކުގެ ތެރޭގައި ހިމެނެނީ، އިސްކަންދަރު ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، އިމާދުއްދީން ސްކޫލް، ޖަމާލުންދީން ސްކޫލް، ކަލާފާނު ސްކޫލް، ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، މަޖީދިއްޔާ ސްކޫލް، އަމީނިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ޣާޒީ ސްކޫލް އަދި ރ. އަތޮޅު ސްކޫލް އެވެ. އަދި މުބާރާތުގައި ހުރިހާ އުމުރުފުރާއަކުން ޓީމުތައް ބައިވެރި ކޮށްފައިވަނީ އިސްކަންދަރު ސްކޫލުން އެކަންޏެވެ.
ހުރިހާ އުމުރުފުރައެއް އެއްކޮލުމުން ޖުމުލަ 58 މެޗު ކުޅެންޖެހޭ އެ މުބާރާތުގައި މިހާތަނަށް އެގާރަ މެޗު ކުޅެވިފައިވާ އިރު މިއަދު ވެސް އެ މުބާރާތުގެ ހަތަރު މެޗެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން މެންދުރުފަހު 3:45ގައި ކުޅުމަށް ހަމަޖެހިފައިވާ 12 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗުގައި ވާދަކުރާނީ އިސްކަންދަރު ސްކޫލާއި ޣިޔާސުއްދީން ސްކޫލެވެ. އަދި ހަވީރު 5:00ގައި ކުޅުމަށް ހަމަޖެހިފައިވާ ފިރިހެން ކުދިންގެ 14 އަހަރުން ދަށުގެ މެޗުގައި ކަލާފާނު ސްކޫލާ ވާދަކުރާނީ އިސްކަންދަރު ސްކޫލެވެ. އިރުއޮއްސި 7:00ގައި އޮންނަ 14 އަހަރުން ދަށުގެ ގްރޫޕް ދޭއްގެ މެޗުގައި ޖަމާލުންއްދީން ސްކޫލާއި ވާދަކުރާނީ ދަރުމަވަންތަ ސްކޫލެވެ. އަދި މިރޭ 8:15ގައި ފެށުމަށް ހަމަޖެހިފައިވާ ފިރިހެން ކުދިންގެ 16 އަހަރުން ދަށުގެއުމުރުފުރައިގެ ގްރޫޕް ދޭއްގެ މެޗުގައި ވާދަކުރާނީ ޣާޒީ ސްކޫލާއި ރ. އަތޮޅު ސްކޫލްގެ ބާސްކެޓްބޯޅަ ޓީމެވެ.
އިންޓަ - ސްކޫލް ބާސްކެޓްބޯޅަ މުބާރާތް: އަމީނިއްޔާ ކައިރިން އިސްކަންދަރު މޮޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ