ކިނބިދޫ ދާއިރާގެ ރަށްތަކުން އިސްކަންދޭ މަޝްރޫއުތައް ބަޖެޓުގައި ހިމަނައިދޭން އެދިއްޖެ

ކިނބިދޫ ދާއިރާގައި ހިމެނޭ ރަށްތަކުގެ ރައްޔިތުން އެދާއިރާގައި ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ބަޖެޓުގައި ހިމަނައިދިނުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެދިވަޑައިގެންފި އެވެ.
ރިޔާޒު މިކަމަށް އެދިވަޑައިގެންނެވީ މިމަހުގެ 16 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީއެއްގަ އެވެ.
ރިޔާޒުގެ ސިޓީގައި ވިދާޅުވެފައިވަނީ ކިނބިދޫ ދާއިރާގައި ހިމެނޭ ފަސް ރަށަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތަކެއް ހިމެނުމަށް އެރަށް ރަށުގެ ކައުންސިލްތަކުން އެދިފައިވާ ކަމަށެވެ.
މިސިޓީގައި ވަނީ ކިނބިދޫ ދާއިރާގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް އެރަށް ރަށުން އިސްކަންދޭ މަޝްރޫއުތަކެއް ވެސް ފާހަގަކުރައްވާފަ އެވެ.
އެގޮތުން އޮމަދޫގައި ބަނދަރު ހެދުމާއި، ހިރިލަންދޫ ބިން ހިއްކުމާއި، ކިނބިދޫ ނަރުދަމާ ނިޒާމު ގާއިމުކުރުމާއި، ކަނޑޫދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި އަދި ވަންދޫ ގިރާ ސަރަހައްދާއި އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހާއްސަ ގޮތެއްގައި ފާހަކުރައްވާފައިވެ އެވެ.
"ވީމާ 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް އެކުލަވާލާއިރު މިރަށްތަކުގެ ކައުންސިލްތަކުން އެދިފައިވާ މަޝްރޫއުތައް ބަޖެޓުގައި ހިމަނައިދެއްވުން އެދި ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ،" ރިޔާޒުގެ ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ