ދައުވާ ކުރިޔަސް، މެމްބަރުން ފަހަތަކަށް ނުޖެހޭނެ: އިދިކޮޅު އިއްތިހާދު

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ދައުވާ ކުރިޔަސް، މެމްބަރުން ތިއްބެވީ ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަށް ނޫން ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.
މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްތިހާދުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ ސަރުކާރަށް ގެއްލިފައިވާ މަޖިލީހުގެ މެޖޯރިޓީ ހޯދަން ރައީސް އަބްދުﷲ ޔާމީން ހަވާލުކުރެއްވީ ފުލުހުންނާ ކަމަށެވެ. އެކަމަކު ރައީސް ޔާމީން ކުރައްވަމުން ގެންދަވާ އެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި އިދިކޮޅު 20 މެމްބަރުންގެ "ގަޔަށް ބަޑި ޖަހައި މަރާލިޔަސް" މަޖިލީހުގެ މެޖޯރިޓީއެއް ސަރުކާރަކަށް ނުހޯދޭނެ އެވެ. އެހެންކަމުން ޕީޕީއެމަށް "43 ވޯޓު" ލިބޭ ގޮތަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ދެން ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއަށް ވުރެ، މަޖިލީހުގެ ތެރޭގައި އިދިކޮޅު މެމްބަރުން މާ ބާރުގަދަ، މެމްބަރުން ގިނަ. ބިރު ދެއްކުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ އެއްވެސް ނަތީޖާއެއް ނެތް،" މަހްލޫފް ވިދާޅުވި އެވެ.
"މިއިން އެއްވެސް ބޭފުޅަކު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ. އެއްފަހަރާ 12 މެމްބަރުންގެ މައްޗަށް ދައުވާ ކުރިޔަސް، މެމްބަރުން ތިއްބެއްވީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން."
މިިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވެންނެވި މައްސަލާގައި 12 މެމްބަރެއްގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީ އަށް ފޮނުވި އިރު، ޕީޖީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ދައުވާކުރަން ފޮނުވި ބޭފުޅުންގެ ތެރޭގައި ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކިނބިދޫ ދާއިރާގެ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހިމެނިވަޑައިގަނެ އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަތު އަމީތެވެ. އެ ތިން ބޭފުޅުން އަދިވެސް ތިއްބެވީ ބަންދުގަ އެވެ.
އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ