އައްޑޫ ސިޓީއަކީ ވެރިރަށް މާލެ ސިޓީ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީއެވެ. ނިމިގެން ދިޔަ ހަފްތާ ބަންދުގައި ވެރިކަން ކުރާ ޕާޓީއިން އައްޑޫ ސިޓީގައި އެޕާޓީގެ ވަރަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.
ސޯޝަލް މީޑިއާގައި މިހަރަކާތްތަކުގެ އެތަކެއް ފޮޓޯއެއް ދައުރުވަމުން ދާއިރު އެކިފަރާތްތަކުން ކޮމެންޓު ކުރަމުންދަނީ އެކިއެކި ރާގަށް ކަމަށް ފާހަގަ ކުރެވެއެވެ. އެއްބަޔަކު ކޮމެންޓު ކުރަމުންދަނީ އައްޑޫ ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކުގައި ކަމަށާއި އަދި ތަރައްގީއާވެސް އެކުގައި ކަމަށެވެ. އަނެއްބަޔަކު ކޮމެންޓް ކުރަމުންދަނީ ފޮޓޯ ތަކުން ފެންނަނީ ގަދަކަމުން ގެންގޮސްފައި ތިބި ސަރުކާރުގެ މުވައްޒަފުންނާއި އަދި ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުން ކަމަށެވެ.
ބައެއް ކުންފުނިތަކުގެ އޮފީސްތައް ހިންގުމާ ހަވާލެވެތިއްބެވި ވެރިން ވައިބާ ގްރޫޕްތަކުގައި ލިޔެފައިވާ ދެންނެވުންތައްވެސް ސޯޝަލްމީޑިއާގައި ފެތުރަމުން އެބަދެއެވެ. އެފަދަ ދެންނެވުން ތަކުގައި ބުނެފައި އޮންނަނީ މުހިއްމު ބައްދަލުވުމެއް އެބައޮތްކަމަށާއި އެބައްދަލުވުމަށް ހުރިހާ މުވައްޒަފުން ހާޒިރުވުމަށެވެ. އަދި އެބައްދަލުވުމުގެ ހާޒިރީވެސް ބެލޭނެކަމަށް ބުނެފައި ވެއެވެ.
ސަރުކާރު ހިންގާ ޕާޓީގެ ބައްދަލު ވުންތަކަށް ސަރުކާރުގެ މުވައްޒަފުންނާއި އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ދާންޖެހޭ ކަމަށް އަޅުގަނޑުވެސް ގަބޫލު ކުރަމެވެ. ސަބަބަކީ ވެރިކަން ހިންގާ ޕާޓީގެ ސިޔާސަތަކީ ދައުލަތް ހިންގަމުން ގެންދާނެ ސިޔާސަތު ކަމަށް ވާތީއެވެ. އެހެންކަމަށްވާނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ސިޔާސަތުގެ ވާހަކަ އެފަދަ ބައްދަލުވުން ތަކުގައި ދެކެވޭނެއެވެ. އެވާހަކަ ތަކަކީ މުވައްޒަފުންނަށް މުހިއްމު ވާންޖެހޭނެ ވާހަކަ ތަކެވެ. އެއީ އެސިޔާސަތު ތަންފީޒު ކުރުމުގައި ތިބޭނީ މިމުވައްޒަފުން ކަމަށް ވާތީއެވެ.
އެހެންކަމަށްވާނަމަ ހުރިހާ މުވައްޒަފުން މިފަދަ ބައްދަލުވުންތަކަށް ދިއުމަކީ މުހިއްމު ކަމަކެވެ. އިދިކޮޅު ހުރިހާ އެންމެންވެސް މިފަދަ ބައްދަލުވުންތަކަށް ނުދެއެއްކަމަކު އެބައްދަލުވުން ތަކުގައި ދެކެވޭ ހުރިހާ ވާހަކައެއް އަޑުއަހާ ދިރާސާކޮށް އެއަށް ރައްދު ދޭނެއެވެ. އެއީ ޑިމޮކްރަސީ ކަމަށް ބަލަމާ ހިނގާށެވެ.
މިވާހަކަ މިހާހިސާބުން ހުއްޓާލާފަ އަސްލު މައުޟޫއަށް ޖެހިލަމާ ހިނގާށެވެ. ސޯޝަލް މީޑިއީއިން ފެންނަ ފޮޓޯތަކަށް ބަލާއިރު ސަރުކާރު ހިންގާ ޕާޓީއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ގިނަރައްޔިތުން ބައިވެރިވެފައިވާކަން ވަރަށް ސާފުކޮށް އެނގެއެވެ. ބައިވެރިވި މީހުންގެ ވިސްނުމާއި ފިކުރުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ހަގީގަތަކީ ގިނަބަޔަކު ބައިވެރި ވެފައި ވާކަމެވެ.
މީގެއިން ދެކަމެއް ހަމަޔަގީނެވެ. އެއީ އައްޑޫ ރައްޔިތުން ތިބީ ތަރައްގީ ބޭނުންވެފައި ކަމާއި އަދި ގިނަ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު ކަމެވެ. ނަމަވެސް އުފެދޭ ސުވާލަކީ ރައީސް ޔާމީނު ހުންނެވީ އައްޑޫ ރައްޔިތުންނާއެކު ތޯއެވެ؟
އެމަނިކުފާނު ހުންނެވީ އައްޑޫ ރައްޔިތުންނާއެކު ކަމަށް ސިޔާސީ އިސްބޭފުޅުން ތާއަބަދު އެބަވިދާޅުވެ އެވެ. ސަބަބުތައްވެސް ދައްކަވަ އެވެ. ރައީސް ޔާމީނުގެ ޒައާމަތުގައި އައްޑޫ ސިޓީގެ ފޭދޫ ބިން ބޮޑުކޮށްފައިވާ ވާހަކައެވެ. ފޭދޫގައި މަގެއް ހަދާ ފޭދޫ ބަނދަރު ސަރަހައްދުގައި ތާރު އެޅިވާހަކަ އެވެ. ސާފު ބޯފެން ލިބޭނެ ނިޒާމު ގާއިމު ކުރަމުން އަންނަވާހަކަ އެވެ. ނަރުދަމާގެ މަސައްކަތް ފަށައިގަންނަން އުޅޭ ކަމުގެ ވާހަކަ އެވެ. އީސީސީގެ އިމާރާތް ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަވާހަކަ އެވެ. ފޭދޫ ސްކޫލުގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ ވާހަކައެވެ. ހުޅުދޫ ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަންދާ ވާހަކައެވެ. ހުޅުމީދޫގައި މަސްފެކްޓަރީއެއް ގާއިމު ކުރުމުގެ މަސައްކަތުގެ ވާހަކައެވެ. ޕޮލިސް ސްކޫލެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަވާހަކަ އެވެ. ހުޅުމީދޫގެ މަގުތައް ހަދަމުން އަންނަވާހަކައެވެ. ކަރަންޓް އުފައްދާ މިންވަރު އިތުރުކުރި ވާހަކަ އެވެ. ހިތަދޫ ހޮސްޕިޓަލް ތަރައްގީ ކުރަމުން އަންނަވާހަކަ އެވެ.
މިއީ ހަމަގައިމުވެސް ތަރައްގީގެ ވަރަށްގިނަ މަސައްކަތްތަކެވެ. ނަމަވެސް ރައްޔިތުން ހިތްހަމައެއް ނުޖެހެއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ މިކަންކަން ރައްޔިތުން ބޭނުން ނުވަނީތޯއެވެ؟ އެންމެފަހުން ނިމިދިޔަ ކައުންސިލް އިންތިޚާބުގައިވެސް ވެރިކަން ކުރާޕާޓީ ޕީޕީއެމްއަކަށް އެއްވެސް ގޮޑިއެއް އައްޑޫސިޓީއަކުން ކާމިޔާބުވާގޮތެއް ނުވިއެވެ.
ޕީޕީއެމް ޕްރޮމޯޓުކޮށް ހިންގުމަށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވިދާޅުވަނީ ސިޔާސީ އިސް ބައެއްމީހުން ރައީސް ޔާމީނު އޮޅުވާލަނީ ކަމަށެވެ. ޕީޕީއެމް ފޭދޫ ގޮފީގައި ވަރަށް ހަރަކާތްތެރިވި، އަދި ޕީޕީއެމްގެ ފަރާތުން މީގެ ކުރީ ކައުންސިލް ބައި އިލެކްޝަނަށް ކުރިމަތި ލެއްވި އީނާ ނަސީރު ވިދާޅުވަނީ އައްޑޫގެ ކަންކަމުގައި އިސްކޮށް ތިއްބަވާ ސަރުކާރުގެ ވެރިން ރައީސްޔާމީނުއަށް ހަގީގީ މަންޒަރު އޮޅުވާލާފައިވާ ކަމަށެވެ.
އައްޑޫ ރައްޔިތުން ބޭނުންވަނީ އަސާސީ ކަންކަން ހަމަހަމަ އުސޫލުން ފުރިހަމަ ވުމަށެވެ. ބިންހިއްކުމަށްފަހު އެބިން ހުސްކޮށް ބާއްވާ އޭގެ މަތީ ކޮންމެ ދުވަހަކު ބޮޑުބެރު ޖަހާކަށް ނޫނެވެ. ވަޒީފާގެ ފުރުސަތު ބޭނުމެވެ. އާމްދަނީ އިތުރު ކުރެވޭނެ ވަސީލަތްތައް އައްޑޫގައި ގާއިމު ކުރުމަށް އައްޑޫ ރައްޔިތުން ބޭނުންވެއެވެ. ފަތުރުވެރިކަން އައްޑޫގައި ތަރައްގީވުމަށް އައްޑޫ ރައްޔިތުން ނުހަނު ބޭނުމެވެ. ނަރުދަމާއާއި ސާފޯ ބޯފެން ވީހާވެސް އަވަހަށް ލިބުމަށް ބޭނުމެވެ. ކަރަންޓުގެ އަގު ތިރިވުމަށް ބޭނުމެވެ. ސަތޭކަ އެނދުގެ އާހޮސްޕިޓަލުގެ ހުވަފެން ދައްކާ އެކަން ބިލާހަކަށް ވުމުން އައްޑޫގެ ގިނަ ރައްޔިތުން ހިތްހަމަ ނުޖެހެއެވެ. ޕޮލިސް ސްކޫލު އަޅާސަރަހައްދަކީ ގެސްޓްހައުސްއަށް އެންމެ އެކަށޭނެ ބިންކަމަށް ރައްޔިތުން ބުނެބުނެ ތިއްބާ އެބިމުގައި ހަމައެއަޅަނީ ޕޮލިސް ސްކޫލެވެ. އައްޑޫގައި ކުރުމަށް ނިންމާ ކަންކަން ނުނިމި ލަސްވާމުކީ އައްޑޫ ރައްޔިތުންނަށް މާޔޫސްކަން ގެނުވައިދޭ ކަމަކެވެ. އިސްމެހެލަހެރައިގެ މަޝްރޫއު އިއުލާން ކުރިހަފުން އަހަރުތަކެއް ފާއިތުވެއްޖެއެވެ. ހަންކެޑަ ރިސޯޓަކަށް ހެދޭނެ ކަމުގެ އުއްމީދުގައި އެތައްބަޔަކު އެބަ އިންތިޒާރު ކުރައެވެ. މިލިސްޓް ވަރަށް ދިގެވެ. ދެން ހުއްޓާލަމާ ހިނގާށެވެ.
މިހުރިހާ ކަމަކަށް ނަޒަރު ހިންގާލާއިރު ރައީސް ޔާމީނު ހުންނެވީ އައްޑޫ ރައްޔިތުންނާ އެކުގައިތޯ ގިނަބަޔަކު މިހާރު ސުވާލު އުފައްދައެވެ. އައްޑޫ ރައްޔިތުން ރައީސް ޔާމީނާއެކު ތިބި ކަމަށް އެރައްޔިތުން އެދައްކަނީ އަމަލާއި ބަހުންނެވެ. ކޮންމެ ކަމެއްގައިވެސް ދެކޮޅުވާނެ ބަޔަކު ތިބޭނެތީ އައްޑޫ ސިޓީގައިވެސް ރައީސް ޔާމީނާ ދެކޮޅު މީހުން ތިބޭނެކަމީ ޔަގީން ކަމަކެވެ. އިލެކްޝަންތަކުގައި ވެރިކަން ކުރާޕާޓީއަށް ކުރިނުލިބެނީ މިދެކޮޅު މީސްކޮޅުގެ ސަބަބަކުން ނޫނެވެ. ރައްޔިތުންނާއެކު ރައީސް ޔާމީނު ހުންނެވިކަމަށް އައްޑޫ ރައްޔިތުންނަށް ގަބޫލު ނުކުރެވޭތީއެވެ.
އައްޑޫ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށް ދެއްވާށެވެ. އެރައްޔިތުން ރައީސް ޔާމީނާއެކު ސާބިތުކަމާއެކު ތިބި ބީދައިން ރައީސް ޔާމީނުވެސް އެމީހުންގެ އިހްސާސްތައް ދަނެގަނެ އެމީހުންނާއެކު ހުންނަވާށެވެ. އެމީހުންގެ އަޑުއައްސަވާ ކަންކަން ފުރިހަމަކޮށްދެއްވާށެވެ. އެއްލަކިން 2018 ގައި ރައީސް ޔާމީނު ވެރިކަމަށް ހޮއްވެވުމަށް އައްޑޫ ރައްޔިތުންވެސް ހަމަ އަތުކުރި އޮޅާލާނެކަމީ ޔަގީން ކަމަކެވެ.
އައްޑޫ ރައްޔިތުން ރައީސް ޔާމީނާއެކު! ރައީސް ޔާމީނު އައްޑޫ ރައްޔިތުންނާއެކުތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ