ރޭ ކަރަންޓު ކެނޑުނީ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ އެޗްވީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން

ރޭ ކަރަންޓް ކެނޑެން ދިމާވީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ އެޗްވީ ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސްޓެކްލޯގެ ޑިރެކްޓަރު އިބްރާހިމް ރައޫފް ވިދާޅުވީ، ރޭ ކަރަންޓް ކެނޑެން ދިމާވީ، ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ އެޗްވީ ކޭބަލްއެއް ކޮނުމުގެ ތެރޭގައި ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން ލަފާކުރެވެނީ އެއީ އިއްޔެ މެންދުރު ދިމާވިކަމެއް ކަމަށް. އަޅުގަނޑުމެންނަށް އެކަން އެނގުނީ ތަންކޮޅެއް ފަހުން. ކައްޓި ޖަހާފައި ހުރިކަން ކޭބަލަށް. އެހެން ނަމަވެސް ފެންބޮޑުވުމާއި ގުޅިގެން ކޭބަލަށް ފެންވަދެގެން އެކަން މި ދިމާވީ" ރައޫފް ވިދާޅުވިއެވެ.
ރޭ މާލޭގެ ވަރަށް ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައި ވަނީ 11:15 ހާއިރުއެވެ. އަންދާޒާ ކުރެވޭގޮތުގައި މާލޭގަ 80 ޕަސެންޓް ހިސާބުން ކަރަންޓް ދިޔައެވެ. މުޅި މާލެއަށް ރޭ ކަރަންޓް ދެވުނީ 1:30 ހާއިރު އެވެ.
ރައޫފް ވިދާޅުވިގޮތުގައި، އެ ކުންފުނީގެ ޖެނެރޭޓަރުތައް ހުންނާނީ ވަރަށް ބޮޑަށް ރައްކާތެރިކުރެވިފައެވެ. އެއީ އާތްފޯލްޓެއް ނުވަތަ ޝޯޓް ސާކެޓެއް އަޔަސް، އެކަމުގެ ސަބަބުން ޖަނަރޭޓަރަކަށް ގެއްލުމެއް ވެދާނެތީއެވެ.
"އެއްވެސް ދިމާލަކުން އާތްފޯލްޓެއް ނުވަތަ ޝޯޓް ސާކެޓެއް އަޔަސްވެސް އަޅުގަނޑުމެންގެ ޖެނެރޭޓަރުތައް ވަގުތުން ނިއްވާލާނެ". ރައޫފް ފާހަގަކުރެއްވިއެވެ.
ރައޫފް ވިދާޅުވީ ސަރުކާރާއި އަދި ސްޓެލްކޯގެ އަމާޒަކީވެސް ކަރަންޓް ކެނޑުނަ ނުދީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހިމް ނާޝިދު ވިދާޅުވީ، މާލެއަށް ފޯރުކޮށްދޭ ކަރަންޓް ކެނޑެން ދިމާވާއިރު، ބޮޑު ހިސާބަކުން ކަރަންޓް ކެނޑޭތީ މިހާރުގެ ނެޓްވޯކް އާއި، މާލޭގެ ޕަވާ ސިސްޓަމްގެ ވަރަށް ބޮޑު ސްޓަޑީއެއް މިހާރުވެސް ބޭރުގެ ކުންފުންޏަކާއި ވާހަކަދެކެވިގެން އޭގެ އަގުތަކާއި އެއްޗެހި ހޯދި މިހާރުވެސް އެކަން ކުރަމުން އަންނަ ކަމަށެވެ.
"އެ ސްޓަޑީސްތަކާ އެއްޗެހި ނިމި. ކުރިއަށް އޮތް ތަނުގައި މި އަންނަ ޑިސްޓާބެންސްތަކަކީ މުޅި މާލޭގެ މިހާބޮޑު ޕޮޕިޔުލޭޝަނަކަށް އިފެކްޓްވެގެން ނާންނާނެ ގޮތަކަށް ސިސްޓަމް ރީޑިޒައިން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން މި ދަނީ"ނާޝިދު ވިދާޅުވިއެވެ.
ރައޫފް ވިދާޅުވީ، އަވަށްޓެރި ގައުމުތަކަށް ބެލިޔަސް، މާލެއިން ކަރަންޓް ކެނޑޭލެއް ކުޑަވާނެ ކަމަށެވެ. އެހެން ނަމަވެސް ކަރަންޓް ކެނޑޭ ކަމަށާއި، އެގޮތަށް ދިމާވަނީ ޖެނެރޭޓަރުގެ މައްސަލައެއް ނުވަތަ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށްވާއިރު، ކަރަންޓް ކެނޑިގެން ވަރަށް އެއްޗެހި ހަލާކުވުމަކީ ދިމާނުވާނެ މައްސަލައެއް ކަމަށް ރައޫފް ފާހަގަކުރެއްވިއެވެ.
"ދެން ތިކަހަލަ ކަމެއް ދިމާވެއްޖެއްޔާ މިކޮޅަށް ހުށަހަޅާފިއްޔާ އަޅުގަނޑުމެން އެ އެއްޗެސް އެނަލައިޒްކޮށް ބަލާނަން. ބަލާފައި ދެން އެކަމާއި ގުޅޭގޮތުން އެ ފަރާތަކަށް ނުވަތަ އެ ކަސްޓަމަރަކަށް އަޅުގަނޑުމެން ދޭންވާ ޖަވާބެއް ދޭނަން". ރައޫފް ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ، އެއްޗެހިތައް ހަލާކު ވަނީ ކަރަންޓް ކެނޑިގެން ނޫން ކަމަށެވެ. ކަރަންޓް ކެނޑުމުން ސްޓެލްކޯގެ އިލްތިމާސްއަކީ ސެންސިޓިވް އިލެކްޓްރޯނިކް އެއްޗެހިން ސްވިޗު ނިއްވާލުން ކަމަށެވެ.
"ގިނަ ފަހަރަށް ވާއެއްޗަކީ ކަރަންޓް ކެނޑިފަ އަންނަ އިރު އެ ދިމާވާ މައްސަލައެއް އެ ދިމާވަނީ. ހުރިހާ ކަސްޓަމަރުންނަށްވެސް އަޅުގަނޑުމެންގެ އިލްތިމާސްއަކީ ކަރަންޓް ކެނޑިއްޖެކަމުގައިވަންޏާ އެއްވެސް ކަހަލަ ސެންސިޓިވް އިލެކްޓްރޯނިކް އެއްޗެއް ހުރެއްޖަކަމުގައި ވަންޏާ އެ އެއްޗެއް ނިވާލާފައި އެ އެއްޗެއް އައީމަ ދެން އަލުން އަބުރާ ޖެއްސުން. ކަރަންޓް ކެނޑިގެނެއް ނޫން ގިނަ ފަހަރަށް އެ މައްސަލަ ދިމާވަނީ". ނާޝިދު ވިދާޅުވިއެވެ.
މާލޭގެ މިދިމާވާ ކަރަންޓްގެ މައްސަލައަށް ހައްލެއްގެ ގޮތުން މިހާރު ސްޓެލްކޯ މެދުވެރިވެގެން ހިންގާ ދެ ޕްރޮޖްކެޓްކަމަށްވާ ހުޅުމާލެ މާލެ އިންޓަ ކަނެކްޝަން އަދި ހުޅުމާލޭގައި ބެހެއްޓޭ 50 މެގަވޯޓްގެ ޕަވަޕްލާންޓާއެކު، މިގޮތަށް އަންނަ ޑިސްޓާބެންސްތަކުގެ ސަބބަުން ނެޓްވޯކަށް އަންނަ އިފެކްޓް ވަރަށް ބޮޑުތަން ކުޑަވެގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ