ނަޝީދަށް ދިން ހަމަލާ: އަބްދުﷲ އަލިމަނިކާއި ތަސްލީމްގެ ބަންދަށް އިތުރު 5 ދުވަސް!

މިދިޔަ މޭމަހުގެ ކުރީކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައާ ގުޅިގެން، ހައްޔަރުކުރި އަބްދުﷲ އަލިމަނިކާއި މުހައްމަދު ތަސްލީމްގެ ބަންދަށް އިތުރު 5 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
މިއަދު ކުރިމިނަލް ކޯޓުގައި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ އެ ދެ މީހުންނަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުކުރެވޭ ދެ މީހުން ކަމުގައިވާތީއާއި، އެ މީހުން މިނިވަންކޮށްފިނަމަ މުޖުތަމައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.
އެ އަޑުއެހުމުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުން އަލިމަނިކު އާއި ތަސްލީމުވެސް އެދިފައިވަނީ ގޭބަންދަށް ބަދަލުކުރުމަށެވެ. އަދި އިތުރަށް ކުރިއަށްދާން އެދެނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމުގައި އޭނާ ބުންޏެވެ.
ދައުލަތުން ބުނީ އެ މީހުންނަށް މިހާތަނަށް ވަކީލަކު އައްޔަންކުރެވިފައިނުވާތީ ވަކީލަކު އައްޔަންކުރުމަށް 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ދިނުމަށް އެއްބަސްވާ ކަމަށެެވެ.
ތަސްލީމާއި އަލިމަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ