ރާއްޖޭގެ ގައުމީ ސީނިއަރ ފުޓުބޯޅަ ޓީމުގެ ކޯޗިންގ ސްޓާފުންގެ ގާބިލުކަމާމެދު ދިވެހި ފުޓުބޯޅައިގެ ތެރޭގައި އުޅޭ އެއްވެސް ފަރާތަކުން ޝައްކުކުރާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ނުކުންނާނީ 100 އިންސައްތަ ދިވެހި ކޯޗިންގ ސްޓާފުންގެ ޓީމަކާއެކުއެވެ. އެގޮތުން އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެފްއޭއެމް އިން އިއުލާނުކުރި ކޯޗިންގ ސްޓާފުންގެ ޓީމުގައި ހެޑް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗް އަލީ ސުޒެއިން އެވެ.
ޓީމުގެ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ ފާއިތުވީ ސީޒަނުގައި ޑަ ގްރާންޑޭގެ ކޯޗަކަށް ހުރި އިސްމާއިލް މަހްފޫޒް (އިންމަ) އާއި ރާއްޖޭގެ ކުރީގެ އެއް ނަމްބަރު ކީޕަރު މުހައްމަދު އިމްރާނެވެ. އިމްރާން ގޯލް ކީޕަރު ކޯޗެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާނެއެވެ.
ދެން ގޯލް ކީޕަރ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކުރީގެ ތަޖުރިބާކާރު ކީޕަރު އަސްލަމް އަބްދުލް ރަހީމް އެވެ. ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑރ. ރާފިއު އެވެ.
ވީޓީވީގެ "ވީސްޕޯޓްސް ޓޯކް" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޖަވާ ވިދާޅުވީ މިކަން ދިވެހިންނަށް ވާނެ ކަމަށާއި މިވަގުތު އޮތް ގައުމީ ޓީމުންގެ ކޯޗިންގ ސްޓާފުންގެ ލެވެލް އާއިމެދު ފުޓުބޯޅައިގެ ތެރޭގައި އުޅޭ އެއްވެސް ފަރާތަކުން ޝައްކު ކުރާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި ސުޒެއިން އަކީ ކުޅުންތެރިން ދަންނަ ކޯޗެއް ކަމަށާއި އެސިސްޓަންޓް ކޯޗް އިންމަ އަކީ ގިނަ ކުލަބުތަކަކަށް އިރުޝާދުދީފައިވާ ކޯޗެއްކަން ފާހަގަކުރައްވާ ޖަވާ ވިދާޅުވީ މިހާރު ތިބި ކޯޗިންގ ސްޓާފުންގެ ޓީމަކީ މިވަގުތަށް ބަލާއިރު މިކަމަށް އެންމެ ގާބިލް ޓީމުކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ބޮޑު އަމާޒަކާއެކު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނައިރު ގައުމީ ޓީމުން އަންނަނީ ގަތަރުގައި ތަމްރީނު ކޭމްޕެއް ފުރިހަމަކުރަމުންނެވެ. މިމަހުގެ 10 ވަނަ ދުވަހު ގައުމީ ޓީމުން ގަތަރަށް ފުރާފައިވާއިރު ޓީމާއެކު ހެޑް ކޯޗް ސުޒެއިން ދަތުރުކޮށްފައެއް ނުވެއެވެ. އެއީ މިމަހުގެ 8 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެހެންނަމަވެސް އައިސޮލޭޝަންގެ މުއްދަތު ހަމަވުމުން ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ސުޒެއިން ކޭމްޕުގައި ބައިވެރިވެ ޓީމާއި ގުޅޭނެއެވެ. ސުޒެއިން އައުމާ ހަމައަށް ގަތަރުގައި ޓީމުގެ ކަންކަން ބެލެހެއްޓުމުގައި ލީޑު ކުރަނީ އެސިސްޓަންޓް ކޯޗް އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.
ކުޅިވަރަށް ހާއްސަ ޕްރޮގްރާމެއްގެ ގޮތުގައި ކޮންމެ ހޮނިހިރު ދުވަހެއްގެރޭ 21:00 ގައި 'ވީސްޕޯޓްސް ޓޯކް' ނަމުގައި ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިރޭ (18 ސެޕްޓެމްބަރު) ގައި މި ޕްރޮގްރާމުގެ ޕްރިމިއަރ އެޕިސޯޑު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމުގެ ޕްރޮޑިއުސަރު މައުލޫމާތު ދެއްވިގޮތުގައި މި ޕްރޮގްރާމުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ މަސައްކަތްތަކާއި ކުރިއަށް ގެންދާ ހަރަކާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނާއި އެކިއެކި ކުލަބު ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއި މުބާރާތްތަކުގެ މައުލޫމާތު ގެނެސްދޭނެއެވެ.
ގައުމީ ޓީމުގެ ކޯޗިންގ ސްޓާފުންނަށް ދާއިރާގެ އެންމެންގެ އިތުބާރު އޮންނާނެ: ޖަވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ