ވަރަށް ގިނަފަހަރު ކުރިމަތިވާ ކަމެކެވެ. ހަޔާތުގެ ބައިވެރިޔާ އަނެކާއަށް މަކަރުހަދަނިކޮށް ފަޅާއަރަނީއެވެ. އެހިސާބުން ދެން ދައްކަނީ އަނެކާގެ ކިބައިގައި ހުންނަ އުނިކަންތައްތަކުގެ ވާހަކައެވެ. އޭނާއަށް ވަގުތުނުދޭވާހަކައާއި އަޅައިނުލާވާހަކައާއި ކަންކަމުގައި ފަރުވާކުޑަކުރާވާހަކައާއި މިފަދަ އެތައް ބައިވަރު ކަންކަމުގެ ވާހަކަތަކެވެ.
ޙަޤީޤަތުގައިވެސް އެއީ ހަމަ ހުރި މައްސަލަތައްކަމުގައިވެދާނެއެވެ. ނަމަވެސް އެކަންކަމުގެ ވާހަކަތައް ދައްކަންޖެހޭނީ ކުރާކުށެއް ފަޅާއެރުމަކުންނޫނެވެ. އެއިގެމާކުރިންނެވެ. ނޫނީ އެވާހަކަތައް ވެގެންދާނީ ވަގަކު ވައްކަންކުރަނިކޮށް އަތުލައިގަނެވުމުން އޭނާ ވައްކަންކުރީ އިންޞާފުންކަމަށް ދައްކަން ބުނާ ބަސްތައް ފަދަ ވާހަކަތަކަކަށެވެ.
ރަނގަޅަށް ވިސްނާށެވެ! އެއްވެސް ފާފައެއް ކުރުމަށްފަހު އެފާފަކުރީ އިންޞާފުންކަމަށް ބުނެ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. ޙާލަތު ނިޔާކުރާގޮތަކުން ކުރުން ހުއްދަ ކަންކަން ދީނުގައި ވަނީ ބަޔާންވެގެންނެވެ. ބަނޑަށްމަރުވެދާނެޙާލަތުގައި މުޅަތަކެތިކެއުން، މަޞްލަހަތަށްޓަކައި ދޮގުބުނަން މަޖުބޫރުވާ ޙާލަތުގައި އެފަދަ ކަންކަމުގައި ދޮގުބުނުން ފަދަ ކަންކަމެވެ. ފާހިޟް ޢަމަލުކުރުން ފަދަ ފާފަތައް ކުރުން ހުއްދަވާނެ އެއްވެސް ސަބަބެއް ނެތެވެ.
އެއްވެސް ފާފައެއް ކުރެވިއްޖެނަމަ އެކަމަށް ޢަޛާބު ދެއްވެވުމާއި ފާފަ ފުއްސަވައިދެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ. އެހެންކަމުން އަދި އެއްވާހަކަ ބުނެލާނަމެވެ. ބައިވެރިޔާގެ ކިބައިން ކުށެއް ފެނުނު ނަމަވެސް މާފަށް އެދެން މަޖުބޫރު ނުކުރުވާށެވެ! މަޖުބޫރުން މާފަށް އެދުވުމުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ފައިދާކުރާނީ އެމީހަކަށް ކުރެވުނު ކުށް އެމީހަކަށް ޤަބޫލުކުރެވި އަމިއްލައަށް މާފަށް އެދިއްޖެ ނަމައެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ތިމާއަށް ބޭވަފާތެރިވެވުނީމަ ކުށް ޤަބޫލުނުކޮށް ބައިވެރިޔާގެ ކުށްދެއްކުމަކީ ބޭވަފާތެރިވިކަމަށް ވެވޭ އިޢްތިރާފެއް! އެއީ ވަރަށް ސީރިޔަސްވާންޖެހޭނެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ