ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ޔާމީން، އެކަކަށް ރައީސް ސޯލިހު އަދަބު ލުއިކޮށްދިން

ކުޑަކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ކުށް ސާބިތުވެ, ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ މީހެއްގެ އަދަބު ލުއިކޮށްދެއްވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ކަމަށް ކްލެމެންސީ ބޯޑުން ބުނެފި އެވެ.
އެޓާނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ހަރަކާތްތެރިވާ ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސް އުފައްދަވާފައިވާ ބޯޑެކެވެ. އެ ބޯޑުގެ ރައީސަކީ އެޓާނީ ޖެނެރަލް އެވެ.
ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފު ދެވޭ ކުށެއް ނޫނެވެ. ނަމަވެސް އަދަބު ލުއިކޮށްދެވެ އެވެ.
ޖެންޑާ މިނިސްޓްރީން އަޕްޑޭޓް ކުރުމަށްފަހު އާންމުކުރި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހުންގެ ވަނަވަރު ހިމެނޭ ދަފްތަރުގައިވާ ގޮތުން ކުޑަކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގައިގެން ޖަލަށްލި ތިން މީހުންގެ އަދަބު ވަނީ ލުއިކޮށްދީފައެވެ.
އެއީ ހއ. ހޯރަފުށި/ ސޯސަންމާގެ, އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އާއި ނ. މަގޫދޫ, ޖަހާމުގުރިގެ/ މުހައްމަދު ޖަމީލު އަދި ހދ. މާވައިދޫ/ ބޮލިޖެހިގެ, އަފްރަހު ހުސެއިން އެވެ.
ކްލެމެންސީ ބޯޑުން ބުނީ, އެ ތިން މީހުންގެ ތެރެއިން މާޗް 24, 2013 ވަނަ އަހަރު ކުށް ސާބިތުވި އަފްރާހު އާއި ޑިސެމްބަރު 27, 2012ގައި ކުށް ސާބިތުވި ޖަމީލަށް މައާފު ދެއްވީ ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ކަމަށެވެ.
އެގޮތުން އަފްރާހުގެ އަދަބު 1 މަހަށް ކުރުކޮށް، އަދަބު ލުއިކުރަން އޭރުގެ ރައީސަށް ލަފާ ދިނީ 22 މާޗް 2016ގައި ކަމަށާއި އެ ނިންމުމަށް އަމަލު ކުރަން އޭރުގެ ރައީސް ނިންމެވީ 8 ސެޕްޓެމްބަރު 2016ގައި ކަމަށް ބުންޏެވެ.
އަދި ޖަމީލުގެ އަދަބު 7 ދުވަހަށް ކުރުކޮށް، އަދަބު ލުއި ކުރަން އޭރުގެ ރައީސަށް ކްލެމެންސީ ބޯޑުން ލަފާ ދިނީ 29 ފެބްރުއަރީ 2016ގައި ކަމަށާއި އެ ނިންމުމަށް އަމަލު ކުރަން އޭރުގެ ރައީސް ނިންމެވީ 8 ސެޕްޓެމްބަރު 2016ގައި ކަމަށްވެސް ބުންޏެވެ.
ހޯރަ އިއްބެއަށް މައާފު ދިނީ މި ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭނާގެ އަދަބު ލުއިކޮށްދިނީ ބާކީ ފަސް އަހަރު އޮއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ