ޖަލަށްލުމުގެ އަމުރާ އެކު މުބާރަކްގެ އަނބިކަނބަލުން އަނބުރައިގަނެގެން ވެއްޓިއްޖެ

ޤާހިރާ : މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު ޙުސްނީ މުބާރަކްގެ އަނބިކަނބަލުން ސޫޒާން ޘާބިތު 15 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް އަމުރު ކުރެއްވުމުން ސުޒާން އަނބުރައިގަނެގެން ވެއްޓިއްޖެ އެވެ.
އުމުރުފުޅުން 70 އަހަރުގެ ސޫޒާން ވެއްޓިވަޑައިގަތުމާ އެކު ކުއްލި ޙާލަތުގައި އޭނާ ޝަރްމުއްޝައިޚްގެ ހޮސްޕިޓަލަކަށް ގެންދެވި އައިސިޔޫގައި އެނދުމަތި ކުރެވިފައިވާ ކަމަށާއި އެއަށް ފަހު ޙާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް ކަމަށް އެހޮސްޕިޓަލުގެ ޑައިރެކްޓަރު ޑޮކްޓަރު މުޙައްމަދު ފަތްޙުﷲ ވިދާޅުވި އެވެ.
ފަތްހުﷲ ވިދާޅުވީ ކުޑަވަގުތުކޮޅަކަށް ސޫޒާން ހޭފުޅު ނެތުނުކަމަށާއި ލޭމައްޗަށް ދިޔުމާއި ހިތްހިނގުމުގައި މައްސަލަތަކެއް ސުޒާނަށް ކުރިމަތިވެފައިވާ ކަން ޓެސްޓްތަކުން ހާމަވާކަމުގަ އެވެ. މިސްރުގެ ފަސްޓްލޭޑީގެ ގޮތުގައި ދިގުމުއްދަތަކަށް ހުންނެވި ސޫޒާން 15 ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމުގެ އަމުރު ޕްރޮސެކިއުޓާ ޖެނެރަލް ނެރުއްވީ ކޮރަޕްޝަނުގެ ތުހުމަތުތަކެއްގައި ތަހްޤީޤްތަކެއް ކުރުމަށެވެ.
ނަމަވެސް މިއަމުރާ އެކު ހޭފުޅުނެތުމުން އޭނާއާ ސުވާލުކުރުމުގެ ކަންތައް ހޮސްޕިޓަލުގައި ހައްޔަރުކޮށްގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާ ކަމަށް ޚަބަރުލިބެ އެވެ. ނަމަވެސް ބައެއް ޚަބަރުތައް ބުނާ ގޮތުން ސޫޒާންގެ ޙާލުކޮޅު ރަނގަޅުވުމާ އެކު މިސްރުގެ މުޙައްޤިޤުން ވަނީ ތިން ގަޑިއިރުވަންދެން ސޫޒާން އާ ސުވާލު ކުރައްވައިފަ އެވެ.
މުބާރަކްގެ ވެރިކަން ވައްޓާލުމަށް ޓަކައި މިއަހަރުގެ ކުރީކޮޅު މިސްރުގެ މައިދާނުއްތަޙްރީރުގައި މުޒާހަރާކުރި އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ އަމުރު ނެރުއްވި މައްސަލާގައި ތަޙްޤީޤްތަކެއް ކުރުމަށް 15 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް އަމުރުކުރެއްވުމުން ޙުސްނީ މުބާރަކަށްވެސް މިގޮތަށް ދިމާވުމާގުޅިގެން އޭނާވެސް ޝަރްމުއްޝައިޚްގެ އެހޮސްޕިޓަލްގައި އެނދުމަތި ކުރެވުނެވެ.
އެއަށް ފަހު ޙާލުކޮޅު ރަނގަޅުވުމުން މުބާރަކާ ސުވާލުކުރުމުގެ ކަންތައް ކުރިޔަށް ގެންގޮސްފައި ވަނީ އެ ހޮސްޕިޓަލުގައި ކަމަށާއި މުބާރަކް މިހާރު ވެސް އޮންނެވީ އެތަނުގައި ކަމަށް ޚަބަރުތައް ބުނެ އެވެ. ކޮރަޕްޝަނުގެ މައްސަލާގައި ތަޙްޤީޤްތަކެއް ކުރުމަށް މުބާރަކްގެ ދެދަރިން ކަމަށްވާ ޢަލާއާއި ޖަމާލް ވެސް ވަނީ 15 ދުވަހުގެ މުއްދަތަށް ޖަލަށްލައިފަ އެވެ.
އަދި އެ މުއްދަތު ހަމަވުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން އެދެބޭފުޅުން ޖަލުގައި ބެހެއްޓުމުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. މުބާރަކާއި މުބާރަކްގެ ޢާއިލާ އިން މިސްރުގެ ޚަޒާނާ ނަހަމަ ގޮތުގައި ބޭނުންކޮށް ނުޙައްޤުން ގިނަ ޢަދަދަކަށް މުދަލާއި ފައިސާ ޖަމާކޮށް ބޭރުގެ ޤައުމުތަކުގައި ބަހައްޓާފައިވާ ކަމުގެ ހެކިތައް އެބަހުރި ކަމަށް އެމައްސަލަ ތަޙްޤީޤްކުރާ ކޮމިޝަނުން ބުނެ އެވެ.
މުބާރަކްގެ އަނބިކަނބަލުން ސޫޒާން ޘާބިތު އަކީ އޭނާގެ ދުވަސްވަރު ވަރަށް ނުފޫޒުގަދަ އަންހެނެކެވެ. މުބާރަކްގެ މައްޗަށާއި މިސްރުގެ ސަރުކާރުގެ މައްޗަށް ވެސް ސޫޒާން އާދަޔާ ޚިލާފަށް ބާރާއި ނުފޫޒު ހިންގެވި ކަމަށާއި އަނބިކަނބަލުން ކޯފާވެދާނެތީ މުބާރަކް ބިރުފުޅު ގަންނަކަމުގެ ޚަބަރުތަކެއް މިސްރުގެ މީޑިޔާ އިން ދާދިފަހުން ވަނީ ހާމަކޮށްފަ އެވެ. (ބީ.ބީ.ސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ