ރާއްޖޭގެ ޞިއްޙި ދާއިރާގެ ހިންގުން އަންނަނީ ފާހަގަކުރަންޖެހޭ ފަދަ މިންވަރަކަށް ރަނގަޅުވަމުން ކަމަށާއި ޞިއްޙީ ދާއިރާގެ ކަންކަން ހިންގުމުގައި މިހާރުވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ޙާޞިލުކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޑަބްލިޔޫއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތޫރު ވިދާޅުވެއްޖެއެވެ.
ހޮޓެލްޖެންގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޑރ. އަރްވިންދު މާތޫރު ވިދާޅުވީ ޞިއްޙީ ދާއިރާ އިން ރަނގަޅު ނަތީޖާ ނެރެވޭނީ ކަންކަން ފުރިހަމައަށް ޕްލޭންކޮށް ކުރާ ޕްލޭންތަކާއި އެއްގޮތަށް މަސައްކަތްކޮށްގެން ކަމަށެވެ. އަދި ކަންކަމާއި ގުޅިގެން ފޮނުވަންޖެހޭ ރިޕޯޓްތައް ވަގުތަށް ފޮނުވައިގެން ކަމަށެވެ. އަދި މިކަންކަމުގައި ހެލްތް މިނިސްޓްރީން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.
ޑރ. އަރްވިންދު ވިދާޅުވީ ޞިއްޙީ ދާއިރާގެ ކަންކަން ހިންގަން ތިބޭ މީހުން ބަދަލުވާނެ ކަމަށާއި ނަމަވެސް ދެވޭ ޚިދުމަތުގެ ފެންވަރު އެންމެ މަތިކުރުމާއިއެކު މެދު ނުކެނޑި ދެމުން ގެންދަންޖެހޭނެ ކަމަށެވެ. އަދި އެފަދަ ނަތީޖާއެއް ނެރެވޭނީ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުން ކަމަށެވެ. "ހެލްތް މިނިސްޓްރީގެ ޓީމަކީ މިކަމުގައި މިހާރުވެސް ނަމޫނާ ދައްކަމުން ގެންދާ ޓީމެއް. އެޓީމާއިއެކު ގުޅިގެން މަސައްކަތްކުރަން ޑަބްލިޔޫއެޗްއޯގެ ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރަށް."
އިއްޔެގެ ބައްދަލުވުމުގައި ވެސް ޑރ. އަރްވިންދު ވަނީ ޑަބްލިޔޫއެޗްއޯ އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދެމުންގެންދާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި ޑަބްލިޔޫއެޗްއޯ އަބަދުވެސް ދެމިއޮންނާނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި އެންމެ ގާތް ބައިވެރިޔާގެ ގޮތުގައި ކަމަށްވެސް ޑރ. އަރްވިންދު މާތުރު ވިދާޅުވިއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާގެ ހިންގުން އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން: ޑަބްލިޔޫއެޗްއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ