ހޮސްޕިޓަލު ފަދަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ކަރަންޓް ކެނޑުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ހިންގާ އައިއެމްޑީސީގެ ކަރަންޓް ފެނަކަ ކޯޕޮރޭޝަނުން އަންގާރަ ދުވަހު ކަނޑާލުމުން ސޯބެ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
ސޯބެ ވިދާޅުވީ ބޮޑު ހަނގުރާމައެއްގައި ދޭ ވަރުގަދަ ހަމަލާއަކުން އެފަދަ ކަމެއް މެދުވެރިވި ނަމަވެސް އާންމު ގޮތެއްގައި އެފަދަ ލާއިންސާނީ އަމަލެއް އިޒްރޭލުންވެސް ނުކުރާނެ ކަމަށެވެ.
"އައިސީޔޫގައި އެޑްމިޓްކޮށްގެން 12 ވަރަކަށް މީހުންނަށް ފަރުވާދެމުން ދަނިކޮށް ކަރަންޓު ކަނޑާލީ ކުރިން ނުވެސް އަންގާ. ބެކަޕް ޕްލޭނަކަށް ފުރުސަތުވެސް ނުދީ. އެއީ އެމީހުންގެ ފުރާނައަށްވެސް ނުރައްކާވާވަރުގެ ލާއިންސާނީ އަމަލެއް،" ސޯދިގު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހިންގާ އައިއެމްޑީސީ ހޮސްޕިޓަލުގެ ހިދުމަތް ހުރިހާ ގޮތަކުންވެސް ސަރުކާރު ހޮސްޕިޓަލަށް ވުރެ މާބޮޑުތަންވެސް ރަނގަޅު ކަމަށާއި ގިނަ ރައްޔިތުންތަކެއް އެ ހޮސްޕިޓަލުން ހިދުމަތް ހޯދަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ހޮސްޕިޓަލުގައި ތިބި އެންމެ ފެންވަރު ރަނގަޅު ދެ ޑޮކްޓަރުން ވެސް މިހާރު ތިބީ އައިއެމްޑީސީގައި ކަމަށާއި ސަރުކާރު ހޮސްޕިޓަލުން ލިބެން ނެތް އެތައް ހިދުމަތެއް އައިއެމްޑީސީން ލިބޭ ކަމަށެެވެ.
ސޯބެ ވިދާޅުވީ އައިއެމްޑީސީ އަށް މިހާރު ކަރަންޓު ދެނީ އެތަނުގެ އިމަޖެންސީ ޖެނެރޭޓަރުން ކަމަށާއި އެފަދަ ޖަނަރޭޓަރަކުން ތަނަށް ބޭނުންވާ އެންމެ ފުރިހަމައަށް ކަރަންޓް ނުލިބޭނެ ކަަމަށެވެ. އަދި އެއީ ހިދުމަތް ހޯދަންދާ ބަލި މީހުންނަށް ދަތިތައް ކުރިމަތިވާނެ މައްސަލައެއް ކަމުގައިވެސް ސޯބެ ވިދާޅުވި އެވެ.
ހޮސްޕިޓަލުތަކުން ކަރަންޓް ކެނޑުމަކީ އިޒްރޭލުންވެސް ނުކުރާވަރުގެ ލާއިންސަނީ އަމަލެއް: ސޯބެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ