ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ މެދު ތަފާތުކުރާތީ ސްކޫލް ވަކިވާ ހިސާބަށް ދޭ: އެޗްއާރުސީއެމް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބައެއް ސްކޫލްތަކުގައި ތަފާތުކުރުން ގެންގުޅެ އަޅާނުލުމުގެ ސަބަބުން ބައެއް ކުދިން ހިތްދަތިވެ ސްކޫލުން ވަކިވާ ހިސާބަށް ކަންކަން މެދުވެރިވަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމުގެ ފުރުސަތު ލިބިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެ ކޮމިޝަނުން އަންނަނީ ސަރުކާރުގެ އިދާރާތަކާއި ރައްޔިތުންނާއި ރަށްރަށުގެ ޖަމިއްޔާތަކާ ސުވާލުކޮށް މައުލޫމާތު އެއްކުރަމުންނެވެ. އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުގައި މިހާތަނަށް ރިޕޯޓް އާއްމުކޮށްފައި ވަނީ ކ. ގާފަރާއި ކާށިދޫން ލިބުނު މައުލޫމާތުތަކާ ގުޅޭގޮތުންނެވެ.އެ ދެ ރަށުން އެއްކުރި މައުލޫމާތުގެ މައްޗަށް ވަކިވަކިން ނެރެފައިވާ ދެ ރިޕޯޓުގައި އެޗްއާރުސީއެމުން ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކިޔެވުމަށް ހާއްސަ ކްލާހެއް އެ ދެ ރަށުގައި ވެސް ނެތް ކަމަށެވެ. އަދި އެ ކުދިން ކިޔެވުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ލިބިފައި ތިބި ޓީޗަރުން ވެސް ނެތްކަމަށް އެ ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ.އެޗްއާރުސީއެމުން ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ދިމާލަށް ބައެއް ފަހަރު ޓީޗަރުން އެ ކުދިނޗ ދެރަވާ ފަދަ ބަސްތައް ބުނެ ހިތުގައި ޖައްސާ ކަމަށެވެ. އެގޮތަށް ކަންތައް ދިމާވާކުދިން ގެއަށް ގޮސް ރޮއެ ސްކޫލަށް ނުދާންވެގެން އުޅޭ ކަމަށް ރިޕޯޓްގައިވެ އެވެ. އެ ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީ އަށް އެދުމަށް ހުށަހަޅާ ފޯމު ރަށުގައި ނެތުމުން ބެލެނިވެރިންނަށް ދަތިތަކާކުރުމަތިލާން ޖެހެ އެވެ. އަދި ސައިކޮލޮޖިސްޓުން ފަދަ ސްޕެޝަލައިޒްޑް ޑޮކްޓަރުން ނެތުމުން ބޭސްފަރުވާ އަށް މާލެދާން ޖެހުމަކީ ވެސް ދިމާވާ ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.އެޗްއާރުސީއެމުން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި ގާނޫނަކާއި ގަވާއިދެއް އެކުލަވާލާފައިވާއިރު ގިނަ ބެލެނިވެރިންނަށް އޭގެ މައުލޫމާތު ނޭނގޭ ކަމަށެވެ. ހާއްސަ ތަމްރީނު ލިބިފައި ތިބި ޓީޗަރުން ނެތުމުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރިއެރުން ނުލިބޭކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދެވެން ނެތް ކަމަށް ވެސް ބުންޏެވެ.އެ ކޮމިޝަނުން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން އެހެން ކުދިންނާ ތަފާތުކޮށް ބައެއް ފަހަރަށް ކުޅިވަރުތަކާއި އެހެން ވެސް ހަރަކާތްތަކުގައި ބައިވެރިނުކުރާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށެވެ. އަދި އެ ކުދިންނަށް ހާއްސަ ރަޖިސްޓްރީއެއް އޮންނަ ނަމަވެސް އެ ރަޖިސްޓްރީ އަޕްޑޭޓްކުރަމުން ނުދާތާ ހަ މަސް ދުވަސްވެފައިވާ ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.މީގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި އެ ނޫން ވެސް ހިދުމަތް ހޯދަން ޖެހޭ ތަންތަން ހުންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެއުޅެވޭ ގޮތަކަށް ނޫން ކަން، މައުލޫމާތު އެެއްކުރި ރަށްރަށުގެ ކައުންސިލްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ވަޒީފާ ދޭއިރު ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން ބާކީކޮށްލަމުންދާ ކަމަށް ކައުންސިލުން ބުނެފައިވާކަން ފާހަގަކޮށްފައިވެ އެވެ. މި ތަހުގީގު އެހެން ރަށްތަކުގައި ވެސް އެ ތަހުގީގު ކުރިއަށް ގެންދަން އެޗްއާރުސީއެމުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ