ޔާމީންގެ ޓީމުން ދަނީ އަޅުގަނޑާ ވާހަކަ ދައްކަމުން: މެމްބަރު ނަޝީދު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމަށް މި މަހު ބާއްވާ ޕްރައިމަރީގައި އެއްކޮޅުން ވާދަކުރައްވާ މުލަކު ދާއިރާގެ އަބްދުﷲ ޔާމީންގެ ޓީމާ ގުޅިވަޑައިގަތުމަށް އެ ޓީމުން އޭނާއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
"ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ "ޔާމީންގެ ޓީމުން އަޅުގަނޑާ ވާހަކަ ދައްކާތާ ދުވަސްތަކެއް ވެއްޖެ" ކަމަށާއި އެކަމަކު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. އޭގެ އިތުރު އެއްވެސް ތަފުސީލަކަށް އޭނާ ވަޑައެއް ނުގެންނެވި އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ނަޝީދު ވަނީ މިއަދުގެ ވަގުތެއްގައި ޕީޕީއެމް އަށް ސޮއިކުރައްވައިފަ އެވެ. އެކަމަކު "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެފަދަ ކަމެއް އަދި ނުހިނގަ އެވެ.
ނަމަވެސް އަންނަ ހޮނިހިރު ދުވަހުގެ ރޭ ޔާމީންގެ ކެމްޕޭން ފެށުމަށް މާލޭގައި ބާއްވާ ހާއްސަ ޖަލްސާގައި ޔާމީންގެ ޓީމާ ހާއްސަ ސިޔާސީ ބޭފުޅުންތަކެއް ގުޅިވަޑައިގަންނަވާނެ ކަމަށް އެ ޓީމުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. ވައިކަރަދޫ ދާއިރާގެ އަލީ އާރިފު ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބާއްވާ ޔާމީންގެ ޓީމުގެ ޖަލްސާގައި ސިޔާސީ ވަރަށް ގިނަ ބޭފުޅުން އެ ޓީމަށް ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ޔާމީންގެ ޓީމުން އޭނާއާ ވާހަކަ ދައްކަމުންދާ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު އޭނާ ކުރިން އިއުލާން ކުރައްވާފައިވާ ގޮތުން ނަމަ މި އަހަރުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަންނަވާނެ އެވެ. ނަޝީދު ވިދާޅުވެފައި ވަނީ އިދިކޮޅު އެމްޑީޕީން އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
ޔާމީންގެ ޓީމުން ނަޝީދާ ވާހަކަ ދައްކަނީ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ނަޝީދު ނުކުމެވަޑައިގަތުމަށް ކަމަށް އެނގިފައިވެ އެވެ. އެކަމަކު އެކަމަށް ނަޝީދު އެއްބަސްވެވަޑައިގެންނެވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ. ނަޝީދުގެ އިތުރުން ޔާމީންގެ ޓީމުން ދަނީ ރައީސް މުހަންމަދު ވަހީދުގެ އެޑްވައިޒަރު ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީއާއެކު ވެސް ވާހަކަތަކެއް ދައްކަމުން ކަމަށްވެ އެވެ. ގައުމީ ޕާޓީން އިސްކޮށް އެ ވާހަކަތައް ދައްކަވަނީ ޑރ. ހަސަންގެ އިތުރުން ހޯމް މިނިސްޓަރު އަދި އެ ޕާޓީގެ ނާއިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ކަމަށްވެ އެވެ. އެކަމަކު ޔާމީންގެ ޓީމާ ގުޅިވަޑައިގަތުމާ މެދު އަދި އެ ބޭފުޅުން ގޮތެއް ނިންމެވި ކަމެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ