ގާޒާ ސިޓީ: ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގަބޫލުގެ ކޮމާންޑަރެއް ކަމަށްވާ އިއްޒުއްދީން އަލްހައްދާދު، ހުކުރު ދުވަހުގެ ރޭ އިޒްރޭލުން ގާޒާ ސިޓީއަށް ދިން ހަމަލާއެއްގައި ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ މަސްދަރުތަކުން ބުނެފިއެވެ.
މި ހަމަލާގައި އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅުވެސް ވަނީ ޝަހީދުވެފައެވެ. އަދި މި އާއިލާގެ މައްޗަށް ކުރެވޭ ކަށުނަމާދު ގާޒާ ސިޓީގައި ބާއްވާފައިވާ ކަމަށް މަސްދަރުތަކުން މައުލޫމާތުދެއެވެ.
އަލްހައްދާދުގެ އާއިލާގެ ފަރާތުން އޭނާގެ އަންހެން ކޮއްކޮ ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ޝަހީދުވިކަން ވަނީ ކަށަވަރުކޮށްދީފައެވެ. އިޒްރޭލު ސިފައިން ވެސް ވަނީ ގާޒާ ސިޓީއަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އިއްޒުއްދީން އަލްހައްދާދު މަރާލާފައިވާ ކަމަށް ބުނެފައެވެ.
ކޮމާންޑަރ އިއްޒުއްދީން އަލްހައްދާދު، ޝަހީދުކޮށްލި ހަމަލާ ދީފައިވަނީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގާޒާގައި އަމަލުކުރަން ފެށި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުގެ ސިފައިން ތަކުރާރުކޮށް ހިލާފުވަމުންދާ ދަނޑިވަޅެއްގައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ގާއިމުކުރީ އިޒްރޭލުން ގާޒާއާ ދެކޮޅަށް ދެ އަހަރު ވަންދެން ކުރި ބާރުގަދަ ހަނގުރާމައަށް ފަހުގައެވެ. ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ހަނގުރާމައިގައި 72,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 172,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
އިޒްރޭލުން ހަމާސްގެ ކޮމާންޑަރު އިއްޒުއްދީން ޝަހީދުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ