ވޯޓާސް ލިސްޓު ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި އައިޑީކާޑު ނަމްބަރު ނެތް ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ލިސްޓު އެކުލަވާލާފައި ވާނީ ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ އެއްގޮތަކަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
އަކްރަމް މިހެން ވިދާޅުވީ، ވޯޓާޒް ލިސްޓްގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ބުނެ އެ ލިސްޓްގައި ސޮއި ނުކުރަން އިދިކޮޅު އެމްޑީޕީ އާއި ޖޭޕީ އިން ދެކޮޅު ހެދުމާ ގުޅިގެން އެވެ.
އެކަމާ ގުޅިގެން "އަވަސް"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓުގައި ހިމަނަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކެނޑިޑޭޓުން ސޮއި ކުރަން ޖެހޭ ލިސްޓުގައި އައިޑީކާޑު ނަމްބަރުވެސް ހިމަނާފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ސިޓީއަކުން އެދިފައި ވަނީ ބައެއް މީހުންގެ ޒާތީ މައުލޫމާތުތައް ހާމަ ކުރުމަށް ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ވޯޓާސް ލިސްޓުގައި ސޮއި ނުކުރާނެ ކަމަށް އެއްވެސް ޕާޓީއަކުން ރަސްމީކޮށް އަނގާފައެއް ނުވޭ. އަޅުގަނޑުމެނަކަށް ނޭންގެ ދަންނަވާކަށް އެމްޑީޕީން އެފަދަ ދޮގު މައުލޫމާތު ރައްޔިތުންނާ ހަމަަށް ފޯރުކޮށްދޭ ސަބަބެއް ނޭންގެ. އަޅުގަނޑުމެން އެދެނީ އެފަދަ ދޮގު މައުލޫމާތު އީސީއާ ބެހޭ ގޮތުން ނުފެތުރުމަށް. އީސީއިން މި މަސައްކަތް ކުރަނީ ސުޕްރީމް ކޯޓުގެ ގައިޑް ލައިންސްއާ އެއްގޮތަށް،" އަކްރަމް ވިދާޅުވި އެވެ.
އީސީން ވަނީ އަވަސްގެ ނޫސްވެރިންނަށް ވޯޓާސް ލިސްޓު ދައްކާލައިފަ އެވެ. ކެންޑިޑޭޓުން ސޮއި ކުރުމަށް ތައްޔާރުކޮށްފައިވާ އެ ލިސްޓުގައި ވޯޓުލާ މީހުންގެ އައިޑީ ކާޑު ނަމްބަރާއި ފޮޓޯ އަދި އެހެނިހެން މައުލޫމާތުވެސް ހިމެނެ އެވެ. އެހެން ނަމަވެސް އެމްޑީޕީ އިން މައްސަލަ ޖައްސަނީ އާންމުކޮށް އިއުލާން ކުރި ލިސްޓާއި ޕާޓީތަކަށް ހިއްސާ ކުރި ލިސްޓްގައި ވޯޓްލާ މީހުންގެ އައިޑީކާޑް ނަމްބަރު ނެތުމުން ދެ ލިސްޓްގެ ސައްހަކަން ކަށަވަރު ނުކުރެވޭނެ ކަމަށް ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން އެކުލަވާލި ގައިޑްލައިނުގައި ވޯޓާސް ލިސްޓު އާއްމުކުރަން ޖެހޭނީ ވޯޓުލާ މީހާގެ ނަމާއި ގޭގެ އެޑްރެހާއި އައިޑީ ކާޑު ނަމްބަރު އެނގޭ ގޮތަށް ކަމަށެވެ.
ނަމަވެސް އަކްރަމް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. އަކްރަމް ވިދާޅުވީ އެ ލިސްޓަކީ ޕާޓީތަކަށް އެހީ ތެރިވުމަށް ފޮނުވި ލިސްޓެއް ކަމަށާއި އެ ލިސްޓުގައި އައިޑީ ކާޑު ނަމްބަރު ހިމަނާކަށް ނުޖެހޭ ކަމަށެވެ. އަދި އެމްޑީޕީން ވޯޓާސް ލިސްޓުގައި ސޮއި ކުރަން ދެކޮޅު ހަދާފައިވީ ނަމަވެސް އެ ޕާޓީގެ ބައެއް ކެނޑިޑޭޓުން އެ ލިސްޓުގައި މިހާރުވެސް ސޮއިކޮށްފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
ވޯޓާޒް ލިސްޓް އޮތީ ސުޕްރީމް ކޯޓްގެ ގައިޑްލައިންއާ އެއްގޮތަށް: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ