އަބްދުﷲ ގާޒީ ޖޭއެސްސީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިމުމަކާ ގާތަށް ހިނގައްޖެ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރައްވާ ދައުވާގެ އަޑުއެހުންތައް ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.
އަބްދުﷲ ގާޒީ ޖޭއެސްސީގެ މައްޗަށް ދައުވާކުރައްވަނީ އޭނާގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމުން އެ ނިންމުން ބާތިލްކޮށްދިނުން އެދި އެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް މައިގަނޑު ގޮތެއްގައި ދައްކަވާފައިވަނީ ކުރީގެ އަޑުއެހުމުގައި ވެސް ދެއްކި ވާހަކަތަކެވެ. އޭގެތެރޭގައި ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމުގައި ބަލާނީ އެފަދަ ކަމެއް ހިނގިކަން ޖޭއެސްސީ އަށް ގަބޫލުކުރެވުން ކަމަށާއި ޖޭއެސްސީން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ އެކަމެއް ފުރަތަމަ ހުށަހަޅަން ޖެހޭނީ ޖޭއެސްސީ އަށް ކަމަށް ޖޭއެސްސީގެ ވަކީލް އަބްދުލް ފައްތާހް ވިދާޅުވި އެވެ. އަދި އެފަދަ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލަ ފުރަތަމަ މަރުހަލާއިން ކޯޓަށް ހުށަހެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީގެ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ ދިޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ގާޒީ ވިދާޅުވި ކަމަށް ބުނާ އިބާރާތަކާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އަބްދުﷲ ގާޒީ އެހެން ވިދާޅުވި ކަން ނޭނގޭ ކަމަށް އެ އިންޓަވިއު ނެގި މީހުން ޖޭއެސްސީ އަށް ބަޔާންދީފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ. އަދި އޭރު ފަނޑިޔާރުންގެ ސުލޫކީ ގަވާއިދެއް ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި ގާޒީ މަރިޔަމް ނިހާޔަތު ވަނީ އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމި ނިންމުމުގައި ބޭނުންކުރި ހެކިތައް މި މަހުގެ 24 ވަނަ ދުވަހުގެ 00: 15 ކުރިން ކޯޓަށް ހުށަހެޅުމަށް ޖޭއެސްސީ އަށް އަންގަވައިފަ އެވެ. އަދި އެ ހެކިތައް ހުށަހެޅުމުން އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށާއި އެ އަޑުއެހުން އެންމެ ފަހުގެ އަޑުއެހުމަށް ވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ