ހުސް ނުވާ އާސަންދަ މާދަމާ ތައާރަފް ކުރާނަން: ނައިބު ރައީސް

ސަރުކާރުގެ ސިޔާސަތަކީ ހާސްކަމެއް ނެތި ބޭސްފަރުވާ ކުރުމުގެ އިންތިޒާމު ހަމަޖައްސައިދުން ކަމަށާއި އެގޮތުން ހުސް ނުވާ އާސަންދަ މާދަމާ އިފްތިތާހު ކުރާނެ ކަމަށް ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަރާތުން އޭދަފުށީ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ސަލީމް )ރެޑްވޭވް ސަލީމް(ގެ ކެމްޕެއިން ފެށުމަށް އޭދަފުށީގައި ބޭއްވި ހަފުލާގައި ނައިބު ރައީސް ޖަމީލް ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް ބޭނުން ވަނީ ރާއްޖޭގެ އިޖުތިމާއީ ހާލަތު ރަނގަޅުކޮށް، އުމުރުން ދުވަސްވީ މީހުންނަށް އަޅާލާނެ ސަރުކާރެއް އޮތުން ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބޭސްފަރުވާ ކުރެވޭނެ ވަސީލަތް ނެތުމުގެ އިތުރަށް މިހާރު އޮތް ނިޒާމު "ހުސްވުމަކީ" ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް ނައިބު ރައީސް ޖަމީލް ވިދާޅުވި އެވެ. އެކަން ހައްލު ކުރުމަށް، ހުސް ނުވާ އާސަންދަ މާދަމާ ތައާރަފް ކުރާނެ ކަން އެ މަނިކުފާނު އިއުލާންކުރެއްވި އެވެ. އަދި ވިދާޅުވީ އެ ސްކީމް އައުމާ އެކު ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރުމަށް އެހީ އަށް އެދި އާދޭސްކުރަން ޖެހޭ ޖެހުން ހުއްޓޭނެ ކަމަށެވެ.
އިދިކޮޅު އެމްޑީޕީ އަށް ފާޑުވިދާޅުވަމުން ނައިބު ރައީސް ޖަމީލް ވިދާޅުވީ ރާއްޖޭގައި ހުރި ސްކޫލްތަކާއި ހޮސްޕިޓަލްތައް އެމްޑީޕީގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ވީރާނާވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި އިންތިހާ އަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް މިހެން ހުރުމާ އެކީގައި ވެސް މިއަދުގެ ސަރުކާރުގައި އަޅުގަނޑު އުފަލާ އެކީގައި ފާހަގަކުރަން، އަޅުގަނޑުމެން އައިސް މިހާރު ޒުވާނުންނަށް، ޒުވާނުންގެ މުނިފޫހިފިލުވުމަށް، ޒުވާނުން ތަމްރީނުކުރުމަށް، ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ ވަޒީފާ އަށް އަހުލުވެރި ކުރުމަށްޓަކައި އަޅުގަނޑުމެން މި ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް ކަނޑައަޅައި 400 މިލިއަނަށް ވުރެ ގިނަ ފައިސާ ޒުވާނުންގެ ވުޒާރާއާ މިހާރު ވަނީ ހަވާލުކުރެވިފައި،" ޖަމީލް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގައި ފެނިގެން ދިޔައީ ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ރައްޔިތުންގެ މުދަލަށް ގެއްލުންދީ، ހުޅު ޖެހި ތަނެވެ. އަދި ވިދާޅުވީ ފުލުހުންނަށް އަނިޔާކޮށް، ގެއްލުން ދިނުމަށް އެމްޑީޕީން ފާޅުގައި ގޮވާލި ކަމަށާއި ފުލުހުންނާ ދެކޮޅަށް ހިންގި ކަންތައްތަކަށް އެމްޑީޕީގެ އަމަލުތަކުގެ ސަބަބުން ހިތްވަރު ލިބުނު ކަމަށެވެ.
"ހިޔާލު ތަފާތުވި ވަގުތުގައި އެމްޑީޕީ އާއި ރައީސް ނަޝީދުގެ ސަރުކާރުން ކަންތައްތައް ކުރި ގޮތް މިއަދު މިތިބަ ޒުވާނުން ހަނދާން ކޮށްލަން ޖެހޭ. ... ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ނާމާންކަމަށް، އަޅުގަނޑުމެންގެ ގާނޫނު އަތަށް ނެގުމަށް، ރައްޔިތުން ބިކަ ކުރުމަށް ގޮވާލައި ބަޔަކަށް ހިނގާށޭ ޖާގަ ނުދެމާ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ކަންތައްތަކުގައި އެކި މީހުން ތަފާތު ވާހަކަދައްކާނެ އެވެ. އެހެން ނަމަވެސް، ހުރިހާ ފަރާތްތަކުން ވެސް ސުލްހަ އަށް ޖާގަ ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ސުލްހަ އަށް ޖާގަ ދޭ ބަޔަކީ ޕީޕީއެމް ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވަނީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ