އިންޓަ ސްކޫލް ކްރިކެޓް ލީގު ފަށައިފި
މޯލްޑިވްސް ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މައިލޯ އިންޓާ ސްކޫލް ކުރިކެޓް ލީގު ފަށައިފި އެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުތައް އިއްޔެ އެކުވެނި އެއް ނަންބަރު ދަނޑުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އިންޓާ ސްކޫލް ކްރިކެޓް މުބާރާތުގައި އިއްޔެ ފަސް މެޗު ކުޅެފައި ވާއިރު، އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ 12 އަހަރުން ދަށުގެ އުމުރުފުރާގެ ދެ މެޗާއި 14 އަހަރުން ދަށުގެ އުމުރުފުރާގެ ތިން މެޗެވެ. އިއްޔެ ހެނދުނު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި، 12 އަހަރުން ދަށު އުމުރުފުރާއިން އިމާދުއްދީން ސުކޫލާއި ބައްދަލުކޮށް ޖަމާލުއްދީން ސްކޫލް މެޗު ކާމިޔާބުކުރީ 25 ލަނޑުންއެވެ. ޖަމާލުއްދީން ސްކޫލަށް ހެދުނީ އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 70 ލަނޑެވެ. އަދި އިމާދުއްދީން ވަނީ އަށް އޯވަރުގެ ތެރާގައި ފަސް ކުޅުންތެރިން ނުބައިވެގެން 45 ލަނޑު ހަދާފައެވެ. އިއްޔެ ކުޅުނު 12 އަހަރުން ދަށު އުމުރުފުރާގެ ދެވަނަ މެޗުގައި، މަޖީދިއްޔާ ސުކޫލާއި ބައްދަލުކޮށް މުހިޔިއްދީން މެޗު ކާމިޔާބުކުރީ 35 ލަނޑުންއެވެ. ތިން ކުޅުންތެރިން ނުބައިވެގެން އަށް އޯވަރުގެ ތެރޭގައި މުހިޔިއްދީން 77 ލަނޑު ހެދިއިރު، މަޖީދިއްޔާ ސްކޫލް ތިން ކުޅުންތެރިން ނުބައިވެގެން އަށް އޯވަރު ގައި ހެދުނީ 42 ލަނޑުއެވެ. އިއްޔެ ހެނދުނު ކުޅުނު ތިން ވަނަ މެޗުގައި 14 އަހަރުން ދަށު އުމުރުފުރާއިން، ބިލަބޮންގް ޓީމާއި ބައްދަލުކޮށް އިމާދުއްދީން މެޗު ކާމިޔާބުކުރީ ހަ ވިކެޓުންއެވެ. ބިލަބޮން 10 އޯވަރު 64 ލަނޑު ހަދައި، ހަތަރު ވިކެޓް ނެގިއިރު، ހަތަރު ކުޅުންތެރިން ނުބައިވެގެން އިމާދުއްދީން ހެދީ 65 ލަނޑެވެ. އެ މުބާރާތުގެ 14 އަހަރުން ދަށުގެ ބާކީ ދެ މެޗު ކުޅެފައި ވަނީ މެންދުރު ފަހު އެވެ. ހަތަރު ވަނަ މެޗުގައި ޖަމާލުއްދީން ސްކޫލާއި ބައްދަލުކޮށް ތާޖުއްދީން 34 ހަތަރު ލަނޑުން މެޗު ކަމިޔާބު ކުރިއިރު، އެ މެޗުގައި 10 އޯވަރުގެތެރޭ ދެކުޅުންތެރިން ނުބައިވެގެން ތާޖުއްދީން ވަނީ 108 ލަނޑު ހަދާފަ އެވެ. އަދި ޖަމާލުއްދީން ވަނީ މެޗުގައި 10 އޯވަރުގެތެރޭ 74 ލަނޑު ހަދާ ހަތަރު ވިކެޓު ނަގާފަ އެވެ. އިއްޔެގެ ފަހު މެޗު ގިޔާޒުއްދީން ސްކޫލާއި ބައްދަލުކޮށް މުހިޔިއްދީން ކާމިޔާބުކުރީ 56 ލަނޑުންއެވެ. މުހިޔިއްދީން ސްކޫލް 10 އޯވަރުގެތެރޭ ތިން ކުޅުންތެރިން ނުބައިވެގެން 120 ލަނޑު ހެދިއިރު، ޖަވާބުގައި ގިޔާޒުއްދީން ކުޅެންއަރާ 10 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 64 ލަނޑުއެވެ. މި މަހުގެ 12 އިން 25 ހަށް ކުރިއަށް ގެންދާ މައިލޯ އިންޓާ ސްކޫލް ކްރިކެޓް މުބާރާތުގައި މިފަހަރު ވަނީ މުޅިއަކު އަށް ސްކޫލް ބައިވެރި ވެފައެވެ. އެ މުބާރާތް ކުރިއަށް ގެންދަނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ