ލަންކާގެ އާމީ ޗީފް އެމެރިކާއިން ބްލެކްލިސްޓުކޮށްފި

ސްރީލަންކާގެ އާމީ ޗީފް ލެފްޓިނެންޓް ޝަވެންދުރަ ސިލްވާ އެމެރިކާއިން ބްލެކްލިސްޓުކޮށްފި އެވެ. އޭނާ ބްލެކްލިސްޓުކުރީ ލަންކާއިން ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އާންމުންގެ މީހުން މެރިކަމަށް ބުނެ އެވެ. ބްލެކްލިސްޓު ކުރުމުން ޝަވެންދުރައާއި އޭނާގެ އާއިލާއަށް އެމެރިކާއަކަށް ނުވަދެވޭނެ އެވެ. އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަނގުރާމައިގެން ޖަރީމާތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އެމެރިކާއިން ފަހަަތަށް ނުޖެހޭނެ ކަމަށެވެ. ޕޮމްޕިއޯ ވިދާޅުވީ ޝަވެންދުރަ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް އދ. އާއި އެހެނިހެން ޖަމާއަތްތަކުން ވެސް ހެކިވާނެ ކަމަށެވެ. ލަންކާ ސަރުކާރުން ވަނީ އެމެރިކާގެ ނިންމުން ރިވިއުކުރުމަށް އެދިފަ އެެވެ. އަދި ޝަވެންދުރައިގެ މައްޗަށް ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޝަވެންދުރަ އާމީ ކޮމާންޑަރުގެ މަގާމަށް އައްޔަނުކުރީ މިދިޔަ އޮގަސްޓު މަހު އެވެ. އދ.ގެ ހިއުމަން ރައިޓްސްގެ ހައި ކޮމިޝަނަރު މިޝެލް ބެޗިލެޓް ވަނީ ޝަވެންދުރަ އާމީ ޗީފްގެ މަގާމަށް އައްޔަނުކުރި މައްސަލައިގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ