އިންޓަ ސްކޫލް 18 އަހަރުން ދަށުގެ ފައިނަލަށް ގަލޮޅާއި އަހްމަދިއްޔާ
އެފްއޭއެމުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ފައިނަލްގައި އަހްމަދިއްޔާއާ ދެކޮޅަށް ގަލޮޅު މަދަރުސާ ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ. ގަލޮޅު މަދަރުސާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ މިއަދު މަޖީދިއްޔާ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވުމުންނެވެ. މިއަދު ހެންވޭރު ދަނޑުގައިކުޅުނު މިމެޗްގައި ގަލޮޅު މަދަރުސާގެ ހަމްދޫން އަޙްމަދު ވަނީ ހެޓްރިކް ހަދާފައެވެ. ފުރަތަމަ ލީޑު ނެގީވެސް ގަލޮޅު މަދަރުސާއިންނެވެ. އެޓީމްގެ ފުރަތަމަލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޒަޔާން ޝަރީފެވެ. ގަލޮޅު މަދަރުސާގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފްގެ 30 ވަނަ މިނެޓްގައި ހަމްދޫން އަޙްމަދު ކާމިޔާބު ކުރިއިރު އޭގެ އެއް މިނެޓް ފަހުން އޭނާ ވަނީ ގަލޮޅު މަދަރުސާއަށް ތިން ވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭނާ ހެޓްރިކް ހެދި ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފުގެ 36 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓިއަކުންނެވެ. މަޖީދިއްޔާގެ ހަމައެކަނި ލަނޑު މެޗްގެ އެންމެ ފަހު މިނެޓް ތެރޭގައި ލިބުނު ޕެނަލްތިއކުން އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އަޠޫފް އިބްރާހިމްއެވެ. ގަލޮޅާއި އަހްމަދިއްޔާ ބައްދަލުކުރާ ފައިނަލް މެޗް އޮންނާނީ މެއި މަހުގެ ފަސް ވަނަ ދުވަހު ކުޅިވަރު އެކުވެނީގައި އޮންނަ ޓާފް ދަނޑުގައެވެ. މިމުބާރާތުގެ 14 އަހަރުން ދަށުގެ ޢުމުރު ފުރައިގެ ފައިނަލަށް މަޖީދިއްޔާއާއި އިސްކަންދަރު ވަނީ ދަތުރުކޮށްފައެވެ. އެޢުމުރު ފުރައިގެ ފައިނަލް މެޗް އޮންނާނީ މެއި މަހުގެ ތިން ވަނަ ދުވަހު ހެންވޭރު ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ