ދުނިޔޭގެ ފެންވަރުގެ މުބާރާތަކުން ޣިޔާސުއްދީން ސްކޫލް ހަތަރު ރަން މެޑަލް ހޯދައިފި

ދުނިޔޭގެ ފެންވަރުގެ މުބާރާތަކުން ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ހަތަރު ރަން މެޑަލް އަދި ހަތް ރިހި މެޑަލް ހޯދައިފި އެވެ.
ވޯލްޑް ސްކޮލާސް ކަޕް ނުވަތަ ތައުލީމީ އެކި ކުޅިވަރުތައް ހިމެނޭ މި މުބާރާތުގެ ފައިނަލް ރައުންޑަށް ޣިޔާސުއްދީން ސްކޫލް ކޮލިފައިވީ ރީޖަނަލް އަދި ގްލޯބަލް ރައުންޑުން ގިނަ ކާމިޔާބީތަކެއް ހޯދައިގެންނެވެ. ދުނިޔޭގެ 40 ގައުމުން 1600 އެއްހާ ދަރިވަރުން ބައިވެރިވި މި މުބާރާތުގެ ފައިނަލް އޮތީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް އެމެރިކާގަ އެވެ.
މި މުބާރާތުގެ ފައިނަލްގައި ޣިޔާސުއްދީން ސްކޫލުގެ ހަ ދަރިވަރަކު ވާދަކުރި އެވެ.
ވޯލްޑް ސްކޮލާސްގެ ކަޕްގެ ރީޖަަނަލް ރައުންޑް މިއަހަރުގެ ކުރީ ކޮޅު ސްރީ ލަންކާގައި ބޭއްވި އެވެ. އެ މުބާރާތުން ވެސް ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ވަނީ ރަން އަދި ރިިހި ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. ގްލޯބަލް ރައުންޑް ބޭއްވީ މި އަހަރުގެ މެދުތެރޭ ޗެކްރިރިޕަބްލިކްގަ އެވެ.
ވޯލްޑް ސްކޮލާސް ކަޕްގައި ބައިވެރިވި ޢިޔާސުއްދީން ސްކޫލުގެ ދަރިވަރުންނާ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަރީރު (ވ-5) ބައްދަލުކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.
މިކަމާ ގުޅިގެން ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ މިއީ އެ ސްކޫލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން މި މުބާރާތުގެ ސަބަބުން ދުނިޔޭގެ މައްސަލަތަކަށް ދަރިވަރުން ލޯހުޅުވިގެން ދިޔަކަމަށާއި ހިތްހަމަޖެހޭފަދަ ކާމިޔާބީއެއް ހޯދިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ހިތްހަމަޖެހޭ ކާމިޔާބީއެއް މިއީ. ގްލޯބަލް ރައުންޑަށް ދިޔަ ޓީމުގައި ހިމެނުނު ބައެއް ސީނިއާ ދަރިވަރުންނަށް އެކި ސަބަބުތަކާހުރެ ފައިނަލަށް ނާދެވުނު. އެ ދަރިވަރުން ހިމެނުނުނަމަ މިއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދުނީސް،" ތޯހާ ވިދާޅުވި އެވެ.
ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ވަނީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރާ ވެސް ބައްދަލުކޮށްފަ އެވެ. މީގެ އިތުރުން އދ.ގެ މައި މަރުކަޒަށް ވެސް މި ދަރިވަރުން ޒިޔާރަތްކުރި އެވެ.
ވޯލްޑް ސްކޮލާސް ކަޕް އަކީ އެމެރިކާގެ ކުންފުންޏަކުން 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ ފެންވަރުގެ މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ