މިއީ ދެ މޫސުން ބެދޭ ވިއްސާރަ، އަދިވެސް މޫސުން ގޯސް: މެޓް
ރާއްޖެ ބޮޑު ބަޔަކަށް މިހާރު ކުރަމުން މި ދަނީ އިރުވައި މޫސުން ނިމަ ހުޅަނގު މޫސުން ފެށޭ (ދެ މޫސުން ބެދޭ) ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފި އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް މިހާރު ވެސް ވަނީ ޔެލޯ އެލާޓް ނެރިފަ އެވެ. އެއީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެގޮތުން މި ދުވަސްތަކުގައި އާންމު ގޮތެއްގައި ފަސް މޭލާއި 15 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ވިލާގަނޑުގައި 35 މޭލު ބާރު މިނަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިދުވަސްތަކުގައި އާންމު ގޮތެއްގައި ކަނޑު މަޑިވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެ އެވެ. އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރާ އިރު ބައެއް ރަށްތަކަށް ބޯކޮށް ވާރެ ވެހޭނެ ކަމަށް ވެސް ލަފާކުރެ އެވެ. "މިއީ ދެ މޫސުން ބެދޭ ވިއްސާރަ. ކޮންމެ އަހަރަކު ވެސް ހަމަ މި ވިއްސާރަ ކުރާނެ،" މެޓް އޮފީހުން ބުންޏެވެ. މި ދުވަސްވަރަކީ ސުކޫލް ބަންދު ދުވަސް ވަރަށް ވުމުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ މީހުންގެ އަދަދު ގިނަ އެވެ. ހިތާމަވެރި ހާދިސާއަކުން ސަލާމަތް ވުމަށް ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ