މި ސަރުކާރާއި މެދު ރައްޔިތުން މާޔޫސްވެފައި ތިބި މަންޒަރު ފެނިއްޖެ ކަމަށް ޕީއެންސީގެ ރައީސް، އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިގޮތަށް ވިދާޅުވީ އ.ދ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ޔާމީނާއި އެމަނިކުފާނުގެ ޓީމު މިއަދު މާލޭ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދލުވުމެއްގައެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަމުން އަދުރޭ، ވިދާޅުވީ ފެނިގެންދިޔައީ މިއަދުގެ ސަރުކާރު ދެކެ ރައްޔިތުން މާޔޫސްވެފަ ތިބި މަންޒަރުކަމަށެވެ. އަދި ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ފެނިގެން ދިޔައީ ރައީސް ޔާމީނަށް އޮތް ތާޢީދު، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މަންޒަރު ކަމަށް އަދުރޭ ވިދާޅުވިއެވެ.
މި ދަތުރުގައި ޕީޕީއެމް، ޕީއެންސީ އަށް ނިސްބަތްވާ ރައީސް ޔާމީނުގެ ޓީމުން ވަނީ އ.ދ މަހިބަދޫ އަށާއި، ކުނބުރުދޫ އަށާއި ދަނގެއްޗަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ.
އަދުރޭ ވިދާޅުވި ގޮތުގައި މިހާރު އެބޭފުޅުންގެ މިދަތުރުތަކީ ޕާޓީތައް ވަރުގަދަކުރުމަށް ފެއްޓި ދަތުރެއް ކަމަށެވެ. މީގެ އިތުރުން މި ދަތުރަކީ، ރައްޔިތުންގެ ވިސްނުން މިހާރު ހުރިގޮތް ބަލާ، އޮޅުންފިލުވުމަށާއި، އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަށް ތައްޔާރުވުމަށް ކުރަމުން ގެންދާ ދަތުރެއް ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވަޑައިގަތުމުން އެ ތިން ރަށުގެ ރައްޔިތުން ދެއްވި ހޫނު މަރުޙަބާ އަށް އަދުރޭ ވަނީ ޕީޕީއެމް، ޕީއެންސީގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރާއި މެދު ރައްޔިތުން މާޔޫސްވެފައި ތިބި މަންޒަރު ފެނޭ -އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ