ގެއްލުނު ފައިސާ ނުހޯދޭނެ, އެ ހިތްވަރު އިދިކޮޅު ކޯލިޝަންގައި ނެތް: ރައީސް ޔާމިން

ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ ހިތްވަރު އިދިކޮޅު ކޯލިޝަންގައި ނެތްކަމަށާއި އިދިކޮޅު ފަރާތްތަށް ވެރިކަމަށް އަޔަސް އެފައިސާ ނުހޯދޭނެކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިހާތަނަށް ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑެތި ވައްކަމާއި ހިޔާނާތުގެ ކަންކަން މިސަރުކާރުގައި ހިންގާފައިވާއިރު, ތ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ ކަނޑޫދޫގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ ހިތްވަރު އިދިކޮޅު ކޯލިޝަންގައި ނެތްކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވީ ވަގަށް ނަގާފައިވާ ފައިސާ ހޯއްދަވާނެ ކަމަށާއި އެކަމަށް ހާއްސަ ކޮމިޝަނެއް އުފައްދަވާނެކަކަށް އިދިކޮޅު ކެންޑިޑޭޓް އިބްރަހިމް މުހައްމަދު ޞާލިހްވަނީ ވިދާޅުވެފައެވެ.
ތ ކަނޑޫދޫގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި އެހާތަނަށް ދައުލަތުން ގެއްލިފައި ހުރި ފައިސާވެސް ހޯދިފައި ނުވާކަމަށެވެ. ރައީސް ޔާމީންވަނީ މިސާލެއްގެ ގޮތުން ކުރީގެ އެފްޕީއައިޑީގެ މައްސަލަ ނަންގަވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައި އިރުވެސް އެފްޕީއައިޑީގެ މައްސަލައިގެ ރިޕޯޓްވެސް ވަނީ ނިމިފައިކަމަށާއި ނަމަވެސް އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި އެ ފައިސާވެސް ހޯދިފައި ނުވާކަމުގައެވެ. އަދި ފައިސާ ހޯދުމުގެ ނަމުގައި ރިޔާސީ ކޮމިޝަން އުފައްދައިގެން އެމްޑީޕީގެ ސަރުކާރުގައި ކުރިކަމަކީ ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދޭނީ އެމަނިކުފާނުގެ ސަރުކާރަށް ކަމުގައެވެ. އަދި އެކަމަށްޓަކައި ކޮމިޝަނެއް އުފައްދާ ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް އެކަން އަންގަމުން ގެންދާކަމަށާއި ފައިސާ ނުދައްކާނަމަށް ޝަރީއަތަށް މައްސަލަ ފޮނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމަށް އައިއިރު އެފްޕީއައިޑީގެ މައްސަލަ ނިމި ރިޕޯޓްވެސް ނިމިފައިވާކަމަށާއި ނަމަވެސް އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި އެ ފައިސާ ހޯދިފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ނިމިފައިވާ އެ ރިޕޯޓަށް ބިނާކޮށް ރައީސް ޔާމީންގެ ވެރިކަމުގެ ފަސް ވަނަ އަހަރު ނިމެންދާއިރުވެސް އެފްޕީއައިޑީގެ މައްސަލައިގެ ފައިސާ އަދި ހޯދިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ