ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ އިންޓަނޭޝަނަލް ފްލައިޓު ޖެއްސޭ ފެންވަރަށް ކަމަށާއި އެފަދަ ފްލައިޓުތައް ގެނައުމުގެ މަސައްކަތް ނުކޮށް، އެ އެއާޕޯޓު ބޭއްވުމަކީ ރާއްޖޭގެ އުތުރުގެ ތަރައްގީއަށް ސަރުކާރުން އަޅާ ހުރަހެއްގެ ގޮތުގައި ނިމިދިޔަ ސަރުކާރުގެ އިގުތިސޯދީ ވަޒީރު ފައްޔާޒު އިސްމާއީލް ސިފަކުރައްވައިފި އެވެ.
އެމްޑީޕީގެ ސަރުކާރުން ޖެނުއަރީ 2023، ގައި ފެށި މަޝްރޫއު ނިންމައި ހުޅުވީ ނޮވެމްބަރު 2025، ގަ އެވެ. މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ހަނިމާދޫ އެއާޕޯޓު ހުޅުވާފައިވަނީ ވައިޑްބޮޑީ އެއާކްރާފްޓަށް އޮޕަރޭޓު ކުރެވޭ ފެންވަރުގައި ނޫން ކަމަށް ވިދާޅުވެފަ އެވެ.
"ޗައިނާއަށް ވިޔަސް، ލޯންގު ޑިސްޓެންސް އޮޕަރޭޝަންތަކަށް ވެސް ހަނިމާދޫ އެއާޕޯޓު ޑިވެލޮޕްކޮށް ހުޅުވިފައި އޮތްގޮތަކުންނެއް ބޯޓު ޖައްސައި، ހިދުމަތެއް ނުލިބޭނެ. އެ އެއާޕޯޓު ޑިޒައިން ކުރެވިފައިވަނީ އަދި މިހާތަނަށް ހުޅިވިފައިވެސް އެ ހުރީ ނެރޯބޮޑީ ކުދި މަތިންދާ ބޯޓަށް،" އަމީން ވިދާޅުވި އެވެ.
އަމީންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުގައި ހަނިމާދޫ ތަރައްގީކުރީ އިންޓަނޭޝަނަލް ފްލައިޓު ޖެއްސޭ ފެންވަރަށެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއާކްރާފްޓުތަކުގައިކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.
"އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުތަކަކީ އިންޑިއާ އާއި ލަންކާގެ އިތުރުން ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ޑައިރެކްޓުކޮށް ދަތުރުކުރެވޭނެ ބޯޓުތަކެއް. މިއީ މިހާރު ވެސް އެތައް މިލިއަން ފަސިންޖަރުން ދަތުރުކުރުމަށް ބޭނުންކުރާ އެއާޕޯޓުތަކެއް ހުރި ގައުމުތަކެއް،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވި އެވެ.
ޔޫރަޕާއި، ޗައިނާ އަދި އެހެނިހެން މަންޒިލުތަކުން ވެސް ކަނެކްޓިން ފްލައިޓުތައް މެދުވެރިކޮށް ހަނިމާދޫއަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ހަނިމާދޫގައި ވައިޑްބޮޑީ އެއާކްރާފްޓު ޖެއްސުމަށް މިވަގުތު ޑިމާންޑު ނެތް ކަމަށާއި ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ޑިމާންޑު އުފެދޭ ދުވަހެއްގައި ރަންވޭ ބޮޑުކުރުމަށް ބިން ހަމަޖެހިފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޕްރޮޖެކްޓު ފެށުމާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓުމަންޓުގެ އަގު އުފުލުނުއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް. ފަތުރުވެރިކަން، މަސްވެރިކަން، ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ އިގުތިސާދީ ދާއިރާތައް ފުޅާކުރުމަށް އެ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓުތައް ގެންނަން ޖެހޭ."
އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހިންގި އެ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވި އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭ އެކެވެ. އެ އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރީ އިންޓަނޭޝަނަލް ފްލައިޓު އޮޕަރޭޓު ކުރެވޭނެ ފެންވަރަށް: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ