ޝަރުއީ ދާއިރާ އޯވަހައުލްކުރަން ތާއީދު: ގާޒީ ހާތިފް ހިލްމީ

ޝަރުއީދާއިރާ އޯވަހައުލްކުރަން ކުރާމަސައްކަތަށް ތާއީދު ކުރައްވާކަމަށް ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ގާޒީ ހާތިފް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ވާހަކަ ދެއްކުމުން ލިބޭ ނާއިންސާފުގެ އިހުސާސާމެދު ދިވެހިރާއްޖޭގައި ގާތްގަަނޑަކަށް އެންމެންވެސް އެއްބަސް ވާނެކަމަށެވެ. އެހެން ނަމަވެސް އެކަން ބަދަލުކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭކަމަށް ހާތިފް ކުރެއްވި ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޝަރުއީ ދާއިރާ އޯވަހައުލްކުރުމަށް ކުރާ މަސައްކަތަށް ޖުޑީޝަރީގެ މެމްބަރެއްގެ ހައިސިއްޔަތުން ހިތުގެ އަޑިން ތާއީދު ކުރައްވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އިތުބާރުކުރެވޭ ސިސްޓަމެއް އޮތުން ދިވެހިންނަށް ހައްގުކަމަށް ވެސް އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ހާތިފް މިހެން ވިދާޅުވެފައިވާއިރު، ސިވިލް ކޯޓުގެ ދެ ގާޒީއާއަކު ވަނީ މިއަހަރު ތެރޭގައި އިސްތިއުފާވެސް ދެއްވާފައެވެ. ޖެނުއަރީ 22 ވަނަ ދުވަހު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް އިސްތިއުފާ ދެއްވާފައިވާއިރު، ގާޒީ އަބްދުﷲ ޖަމީލް މޫސާ ވަނީ އޭގެ މަހެއްފަހުން އިސްތިއުފާ ދެއްވާފައެވެ.
މިއަދު ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވެސް ބުނެފައިވަނީ، ޝަރީއަތްތައް ނިމުން ލަސްވާކަމަށް ބުނެ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން އެކަމެއް ހައްލު ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ހުށަހަޅައިގެން ވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށެވެ.
ވެރިކަމުގައި އޮތް އެމްޑީޕީން މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހަށް ތައްޔާރުކޮށްފައިވާ "އެޖެންޑާ 19" މެނިފެސްޓޯގައި ވެސް ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކަންތައްތަކެއް ކުރުމަށް ރާވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ