މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ދެގުނަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މީރާއިން އެންމެ ފަހުން އާންމުކުރި މަހު ރިޕޯޓުގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. ނިމިދިޔަ 2023 ވަނަ އަހަރުގެ ޖޫން މަހު ލިބިފައިވަނީ 10.6 މިލިއަން ރުފިޔާ ކަމަށްވާއިރު، މިއީ 100 އިންސައްތައިގެ އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 61.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29 އިންސައްތައިގެ ކުރިއެރުމެކެވެ. މުދަލު ޒަކާތަކީ މުދަލުގެ ނިސާބު ހަމަވެ، އެ މުދަލެއްގެ މައްޗަށް ހިޖުރީ އަހަރުން އެއް އަހަރު ފުރިހަމަވުމުން ދެއްކުން ވާޖިބުވާ އަޅުކަމެކެވެ.
ދިވެހިރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ މޯލްޑިވްސް ޒަކާތު ހައުސްއިންނެވެ. އެންމެ ފަހުން އޭޕްރިލް 21 ގައި ނިސާބަށް ގެނައި ބަދަލާއެކު، މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 21,836.50 ރުފިޔާ އެވެ. މިއީ 595 ގްރާމް ރިހީގެ އަގަށް ބަލައި ކަނޑައަޅާފައިވާ މިންވަރެކެވެ.
މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ބަލާ ރަނާއި ރިހީގެ އަގުތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ އަގުތަކެކެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ޒަކާތުގެ ނިސާބަށް ވެސް ބަދަލުތައް ގެނެވެއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ މީރާ މެދުވެރިކޮށެވެ. މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، އެ ވަގުތަކު އޮންނަ ނިސާބުގެ މިންވަރު ވެސް މީރާގެ ވެބްސައިޓުން ބަލާލެވޭނެއެވެ.
ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ދެގުނަ އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ