ދާއިރާގެ ކައުންސިލަރާއެކު މާފަންނު މެދު ދާއިރާގެ ރައްޔިތުން ނަމޫނާ ދައްކައިފި

މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒުރާ މޫސާއާއެކު އެ ދާއިރާގެ ރައްޔިތުން ނުކުމެ، ދާއިރާގެ މަގުތައް ސާފުކޮށްފިއެވެ.
”ސާފު ރީތި މާފަންނު މެދު“ގެ ނަމުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ފުރަތަމަ ހަރަކާތުގައި އެ ދާއިރާގެ 100 އެއްހާ ކުދި ބޮޑު ރައްޔިތުން ބައިވެރިވިއެވެ.
އެގޮތުން މަގުތަކަށް އުކާފައި ހުންނަ އެކި ބާވަތުގެ ކުނީގެ އިތުރުން ލަކުނޑި ފަދަ ތަކެތި ވެސް ނަގާ އުކާލާފައިވާއިރު މަގުމައްޗަށް ކުނި ނޭޅުމަށް އިލްތިމާސްކޮށް ދިވެހި ބަހުންނާއި ބަނގުލަދޭޝް ބަހުން ލިޔެފައިވާ ޕޯސްޓަރުތަކެއް ވެސް ފާރުތަކުގައި ވަނީ ހަރުކޮށްފައެވެ.
އަޒުރާ ”ހަފްތާ“ އަށް ވިދާޅުވީ އެހެން ބަޔަކު އައިސް އަމިއްލަ ދާއިރާ ސާފުކުރުމުގެ ބަދަލުގައި ރައްޔިތުން ނުކުމެ ދާއިރާގެ މަގުތައް ސާފުކުރަން ފެށި އެ ހަރަކާތަކީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، ޒިންމާ ނަގަން އަހުލުވެރި ކުރުމަށް ފެށި ހަރަކާތެއް ކަމަށެވެ.
އަދި އެ ހަރަކާތް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ކޮންމެ މަހެއްގެ ދެވަނަ ހޮނިހިރު ދުވަަކީ ދާއިރާގެ މަގުތައް ސާފުކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒްރާ އިތުރަށް ވިދާޅުވީ، އޭނާގެ އުއްމީދަކީ ދާއިރާގެ ގިނަ ރައްޔިތުންތަކެއް ނުކުމެ އެކަމުގައި އަމަލީ ގޮތުން ބައިވެރިވުން ކަމަށާއި ދާއިރާގައި އުޅޭ އަތޮޅު ތެރޭގެ ރައްޔިތުން ވެސް އެކަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި މިއަދުގެ ހަރަކާތުގައި މާފަންނު މެދު ދާއިރާގައި ހުންނަ ސައި ހޮޓާތަކާއި ރެސްޓޯރެންޓްތަކުގައި ވެސް އެތަންތަނުގެ ބޭރުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް އެދިފައިވާނެ ކަމަށް އަޒްރާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ