މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ނުރައްކާދަނީ ބޮޑުވަމުން ކަމަށާއި ބަލަމުންދާ މިންގަނޑަށްވުރެ މައްޗަށް މާލެ ސަރަހައްދުގެ ހާލަތު ގޯސްވެއްޖެނަމަ އަނެއްކާވެސް ފުރަބަންދަކަށް ދާންޖެހިދާނެކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ.އަހްމަދު ޝަހީދު ވިދާޅުވީ، ވަކިވަކި ކަންކަމަށް ބަލައިގެން ކޮންމެ ހަފްތާއަކުވެސް ސްކޯ ދެމުންދާ ކަމަށެވެ.
ސްކޯގެ ލެވެލް 10 އަށްވުރެ މަތިވެއްޖެނަމަ ފުރަބަންދު ކުރަންޖެހޭނެ ކަމަށާއި ޖުމްލަ ސްކޯ 10 އަކަށް ނޭރިނަމަވެސް އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުތައް އިތުރުވާނަމަ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭނެކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ކޭސްތަކުގެ އަދަދު އިތުރުވަމުން އަންނައިރު ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އެގޮތުން ރޭގަނޑު 8 އިން ފެށިގެން އެއްވެސް އެއްގަމު އުޅަނދަކަށް ދަތުރުނުކުރެވޭއިރު 10:00 ގެ ފަހުން އާންމުން ބޭރުތެރޭގައި އުޅުންވަނީ މަނާކޮށްފައެވެ.
މިހާތަނަށް އައިއިރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައެވެ.
އެގޮތުން މިހާތަނަށް ރާއްޖެއިން 7000 އަށްވުރެ ގިނަމީހުން މިބައްޔަށް ޕޮޒިޓިވްވެފައި ވާއިރު މިއީ އާބާދީގެ ނިސްބަތުން މިސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށްބޮޑު އަދަދެކެވެ.
ހާލަތު ހުރިގޮތުން މާލެ ސަރަހައްދު އަނެއްކާވެސް ފުރަބަންދުކުރަން ޖެހިދާނެ: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ