ރައްޔިތުން ރަތަށް އެރުމުން ޖޫން މަހުގެ ކަރަންޓް ބިލުން 40 އިންސައްތަ ކުޑަ ކޮށްފި

ކަރަންޓް ބިލްބޮޑުވުމާއި ގުޅިގެން ރައްޔިތުން ރުޅިގަދަވެ، އެކަމާއި އަޑުއުފުލުމުން ޖޫން މަހުގެ ބިލުން 40 އިންސައްތަ ކުޑަ ކޮށްފި އެވެ.
މިގޮތަށް ކުޑަކުރިކަން ހާމަކޮށްފައި ވަނީ ކަރަންޓްބިލް ބޮޑުވެގެން އެކަމުގެ ޝަކުވާ ކުރަމުން ދަނިކޮށް މިއަދު ހަވީރު ސްޓެލްކޯގައި އެކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
ކޮވިޑް-19 އާ ގުޅިގެން އޭޕްރިލް މަހާއި މެއި މަހުގެ ފެނާއި ކަރަންޓް ބިލް ކުޑަކޮށްދޭން ސަރުކާރުން ނިންމިއެވެ. އަދި މި ދެމަހުވެސް ކަރަންޓު ބިލުން 40 އިންސައްތަ ފެން ބިލުން 30 އިންސައްތަ ކަނޑައިދީފައި ވެއެވެ.
އެހެން ނަމަވެސް މި މަހު ކަރަންޓް ބިލް އައިއިރު އައިސްފައި އޮތީ އެހެން މަސްތަކަށްވުރެ މާބޮޑު ބިލެކެެވެ. އެކަމާއި ގިނަ ރައްޔިތުންތަކެއް ޝަކުވާ ކުރަމުން ގޮސްފައިވާއިރު، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.
އެހެންވެ ޖޫން މަހުގެ ކަރަންޓް ބިލްވެސް ސަބްސިޑައިޒްކޮށް، ބިލުން 40 އިންސައްތަ ކަނޑާލަން ސްޓެލްކޯއިން ވަނީ ނިންމާފައެވެ.
ސްޓެލްކޯގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކަރަންޓް ބިލާއި ގުޅޭ ގޮތުން މައުލޫމާތު ސަރުކާރާއި ހިއްސާ ކުރި ކަމަށާއި، ގޭތަކަށް ފޮނުވި ބިލަކީ އެންމެ އެކިއުރޭޓް ބިލް ނޫން ކަމަށް ގަބޫލު ކުރާ ކަމަށެވެ.
"ބިލް ހަދަން މީޓަރު ނަމްބަރު ފޮނުވަން ބުނުމުން މެއި މަހު 80 އިންސައްތަ މީހުން ނުފޮނުވާ. އެހެންވީމަ ހެދީ ތިން މަހުގެ ކަރަންޓް ބިލް ބޮޑުވި މިނަށް ބަލާފައި އެވްރޭޖް ނެގީ". މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ، ބިލް ހެދީ ހޫނު މޫސުމަށް ވެފައި ކުދިންނާއި މީހުން އޮފީހަށް ނުގޮސް ގޭގައި ތިބެން ޖެހުމުން ކަމަށެވެ. އަދި އެކަން ކުޑަ ކުރުމަށް އެނާޖީ ސޭވިންގ ވޯކްޝޮޕެއް ހިންގި ކަމަށް މުޣުނީ ވިދާޅުވިއެވެ.
އަދި ބޮޑެވި ގިނަ ކަރަންޓް ބިލަކީ އެވްރޭޖް ބިލަށް ހެދި ގޭތަކުގެ ކަރަންޓް ބިލްކަންވެސް މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.
"ބިލްގެ ރީޑީންގ ލިބެން ޖެހޭ ބިލް އެކިއުރޭޓްވާން، ތާރީހުގައިވެސް އެވްރޭޖްކޮށް ބިލެއް ހެދީ އަލަށް. ބިލް ނުހަދާ ވާކަށް ނެތް، އެއްފަހަރާ ބިލް ހަދައިފިއްޔާ މާބޮޑުވާނެ". މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވަނީ ޖޫން މަހުގެ ކަރަންޓް ބިލް ސަބްސިޑައިޒަ ހިމަނައިގެން އިސްލާހް ކުރުމަށްފަހު އަލުން ގޭތަކަށް ބިލްތައް ފޮނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ސްޓެލްކޯއިން ވަނީ ކަރަންޓު ބިލްތައް ބަހާލައިގެން ދެއްކޭނެ ގޮތް ގޭބިސީތަކަށާއި ވިޔަފާރިތަކަށް ހަމަޖައްސައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ